ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ތުޅާދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ތުޅާދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ ރައްޔިތުން ދަތުރު ދާނެ ރަށެއް ހޯދުމާއި، ނެރު ފައިކަށީގެ މައްސަލަ ހައްލުކޮށްދެއްވުން އަވަސްކޮށްދެއްވުން އެދިވަޑައިގެންފައެވެ. ހަމަ މިއާއެކު، ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވައިދެއްވުމަށާއި، ރަށުގެ އިންޖީނު ގެއަށް ބޭނުންވާ ސްޕެއާ ނުލިބުމާއި، ރަށުގެ ކޯޓު އިމާރާތުގެ މަސައްކަތް ލަސްވެފައިވާތީ އެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ތުޅާދޫގައި ހޭންޑް ބޯލް ކޯޓެއް ގާއިމުކޮށްދެއްވުމަށް މެންބަރުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ވަނީ، ރަށު ސްކޫލަށް ބޭނުންވާ މަރާމާތާއި އިދާރީ މުވައްޒަފުން ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ. ހަމަ އެހެންމެ، ތުޅާދޫ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯއްދަވައިދެއްވުމަށް ވެސް އެދިލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.