ޚަބަރު
ސައުތު އޭޝިއަން ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ވާރކިންގ ގްރޫޕް މީޓިންގ ބާއްވައިފި

ސައުތު އޭޝިއަން ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ވާރކިންގ ގްރޫޕް މީޓިންގ ފެށުން
ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ވާރކިންގ ގްރޫޕް މީޓިންގ މިއަދު ރާއްޖޭގައި ފެށިއްޖެއެވެ.
އޯގަސްޓް މަހުގެ 12 އިން 14 އަށް ކުރިއަށްދާ މި ޖަލްސާ ބޭއްވެމުންދަނީ ކ. މާފުށީގައި ހުންނަ ކާނި ޕާމްބީޗްގައެވެ.
އޭޝިއާ ޕެސިފިކް ޓެލެކޮމިއުނިޓީ އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ މި ޖަލްސާ ރަސްމީކޮށް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު އެވެ.
މި ޖަލްސާގައި ދެކުނު އޭޝިއާ ސަރަހައްދުގެ 8 ޤައުމަކުން 30 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެ ތެރޭގައި ރާއްޖޭގެ އިތުރުން، އިންޑިއާ، ބަނގްލަދޭޝް، އީރާން، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާގެ މަންދޫބުން ހިމެނެއެވެ.
މި ޖަލްސާގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވެނީ ސައުތު އޭޝިއާގެ ޤައުމުތަކުގައި ޓެލެކޮމިއުނިކޭޝަންގެ އައު ޚިދުމަތްތަކާއި ވަޞީލަތްތައް ކުރިއެރުވުމާއި، ޒަމާނީ އައު ޓެކްނޮލޮޖީތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމާ ގުޅޭ ކަންކަމެވެ. ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ ސައުތު އޭޝިއާގެ ޓެލެކޮމް ރެގިއުލޭޓަރީ ދާއިރާގެ އެކްސްޕަރޓުންނެވެ.
މި ބައްދަލުވުމަކީ ސަރަޙައްދީ ޓެލެކޮމިއުނިކޭޝަން ދާއިރާ ކުރިއެރުވުމަށާއި، މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.