ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފައްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފައްޓަވާދެއްވުން---
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް މިއަދު ފައްޓަވައިދެއްވައިފިއެވެ.
ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފައްޓަވާދެއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
މެމޮގްރަފީގެ ޚިދުމަތް އިފްތިތާޙު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޚިދުމަތް ދިނުމަށް ތައްޔާރު ކޮށްފައިވާ ކޮޓަރި ބައްލަވާލައްވާފައެވެ.
މެމޮގްރަފީއަކީ އުރަމަތީގެ ކެންސަރު ދެނެގަތުމުގަށް ނެގޭ އެކްސް-ރޭއެކެވެ. އުރަމަތީ ކެންސަރުގެ ކުރީކޮޅު ބަލި ދެނެގަނެވުމަކީ، ބަލިން ސަލާމަތްވުމަށް އެންމެ މުހިއްމުކަންތައް ކަމުގައި ޑޮކްޓަރުން ފާހަގަކޮށްފައިވާއިރު، މެމޮގްރަފީއަކީ، ބަލީގެ ވަރަށް ކުރީކޮޅު ބަލި ދެނެގަނެވޭނެ ޚިދުމަތެކެވެ. އަދި މެމޮގްރަފީ ހެދުމުން، ބަލީގެ އެއްވެސް އަލާމާތެއް ބޭރުފުށުން ފެނުމުގެ ކުރީގައިވެސް ބަލި ދެނެ ގަނެވެއެވެ.
އެހެންކަމުން ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފެށިގެން ދިއުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ އަންހެނުންގެ ސިއްޙީ ޚާލަތު ދެނެގަތުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ އޭދަފުށީގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ވެސް އިފްތިތާޙުކޮށްދެއްވާފައެވެ.