Ads by Stelco

ޚަބަރު

ހިއްކި ބިންތަކުގައި އަސާސީ ޚިދުމަތް ބިނާކުރުމަށް އަންނަ އަހަރު ބަޖެޓުގައި ހިމަނަނީ

ހިއްކި ބިންތަކުގައި އަސާސީ ޚިދުމަތް ބިނާކުރުމަށް އަންނަ އަހަރު ބަޖެޓުގައި ހިމަނަނީ

އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކޮށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: ޙަސަން އިޔާދު / ފަރުދުން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 އޯގަސްޓު 2025، 06:54

12 އޯގަސްޓު 2025، 06:54

ރަށްރަށުގެ ހިއްކި ބިންތަކުގައި އަސާސީ ޚިދުމަތް ބިނާކުރުމަށް އަންނަ އަހަރު ބަޖެޓުގައި ހިމަނާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ރޭ އޭދަފުށި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އޭދަފުށީގެ ހިއްކި ސަރަޙައްދަށް ބޭނުންވާ ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތަށް އިޝާރާތް ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، އެއީ ގިނަ ރަށްތަކަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. ވުމާއެކު، ބޭނުންނުކުރެވި ހުރި ހިއްކި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް ހިންގެވުން، ނިއު ޕޮލިސީ އިނީޝިއެޓިވެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ވަކި ތަރުތީބަކުން އެ މައްސަލަ ޙައްލުކުރައްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓު މި ހަދަނީ މިކަމަށް (ހިއްކާފައި ހުރި ބިންތަކުގައި އަސާސީ ޚިދުމަތް ޤާއިމްކުރުމަށް) ޚާއްޞަ ޕްރޮގްރާމެއް ހިމަނައިގެން. މި އަންނަ އަހަރުގެ ބަޖެޓު ހަދާއިރުގަ ޚާއްޞަ ނިއު ޕޮލިސީ އިނިޝިއޭޓިވް ޕްރޮގްރާމެއް އެބަ ހިމަނަން، ހިއްކާފަ ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީސް ޤާއިމްކޮށްދިނުމާ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށްދިނުމުގެ މަޝްރޫޢެއް ހިމަނާފައި.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި މަސައްކަތުގައި އެންމެ އިސްކަމެއް ދޭނީ އާބާދީ އެއްފަސްކުރުމަށް ސަރުކާރުން ވިސްނާފައިވާ 7 ރަށަށް ކަމަށެވެ. އަދި އެއަށްފަހު އާބާދީ ބޮޑެތި ރަށްރަށުގައި މި މަސައްކަތްތައް ކުރިޔަށް ގެންދަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން، އެ މަސައްކަތުގެ އެއްވެސް ކަމެއް މި އަހަރު ތެރޭގައި ފެށެން އޮތްތޯ ބަލާނެކަމަށާއި، އަދި މި އަހަރު ނުފެނުނަސް، ޔަޤީނުން ވެސް މިއަންނަ އަހަރު އެ މަސައްކަތް އޭދަފުށީގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ބޭއްވި ޖަލްސާގައި، އެ ރަށުގެ ތަރައްޤީއާ ގުޅޭ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ވެސް އެ މަނިކުފާނު ޚިއްޞާ ކުރެއްވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • 1000 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓައި، މި ދައުރުގެ ތެރޭގައި ނިންމުން
  • ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމުން
  • އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރެއްވުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށުން
  • މި އަހަރުގެ ތެރޭގައި ޔޫ.އެސް ޑޮލަރުގެ ޚިދުމަތް ދޭ އޭ.ޓީ.އެމްއެއް ޤާއިމްކުރުން
  • ކޮންވެންޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުން

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ބ. އަތޮޅުގައި އިއްޔެ ވަނީ އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ. އަދި ރޭގެ ބައްދަލުކުރެއްވުމުގައި ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި ޤާއިމުކުރެއްވުމުގެ އެއްބަސްވުމުގައްޔާއި، ބ. އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން