ޚަބަރު
ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ހުޅުމާލޭގައި 10،000 ޓަނުގެ ފެން ޕްލާންޓް ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުން ފޮޓޯ:އެމްޑަަބްލިއުއެސްސީ
މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ މާލެއާއި ހުޅުމާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ޔަޤީންކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން، އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭގައި ހުންނަ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި ޢިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެ ކުންފުންޏަށް 29 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާއި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު އާއި، ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އާއި، ކުންފުނީގެ ބޯޑު މެންބަރުންނެވެ.
އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެފައިވަނީ، މި ޢިމާރާތުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެއްކޮށް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި މި ޢިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5،000 ޓަނުގެ ފެން އުފެއްދޭ ދެ އާރް.އޯ (ރިވަރސް އޮސްމޯސިސް) ޕްލާންޓް މި ޢިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މި އާރް.އޯ ފެސިލިޓީއަކީ މާލެއާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ފާހަގަކުރެއެވެ. އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
އެމް.ޑަބްލިޔު.އެސް.ސީއަކީ 1995 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. މާލެ ސަރަޙައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏަކީ މިއެވެ. މާލެ ސަރަޙައްދުގެ އިތުރަށް ރާއްޖޭގެ ތިން ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް އެ ކުންފުނިން ފޯރުކޮށްދޭއިރު، އެއް ރަށަކަށް ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ.
މިގޮތުން، ގާތްގަނޑަކަށް 200،000 މީހުންގެ އާބާދީއަކަށް އެމް.ޑަބްލިޔު.އެސް.ސީން އަންނަނީ ޚިދުމަތް ދެމުންނެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި އުފެދުނު ނަމަވެސް، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަކީ އިންޖިނިއަރިންގ، ޓްރޭޑިންގ އަދި މެނިފެކްޗަރިންގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމް.ޑަބްލިޔު.އެސް.ސީން އަންނަނީ ކުރަމުންނެވެ.