ޚަބަރު
2027 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ލާޒިމުކުރުމަށް ހުށައެޅި އިސްލާހު ފާސްކޮށްފި

2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާ ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުން، 2027 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ލާޒިމުކުރުމަށް ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައެޅި އިސްލާހު ފާސްކޮށްފިއެވެ. މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އިއްތިފާގުންނެވެ. 7 މެންބަރަކު ވަނީ މި ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
މި އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ފެނާއި ނަރުދަމާގެ ޤާނޫނުގައި މިހާރު އޮންނަ ގޮތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 5 އަހަރުގެ ތެރޭގައި ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ. މި ޤާނޫނު ތަސްދީޤުކުރެވިފައިވަނީ 2020 ވަނަ އަހަރު ކަމަށްވުމުން، ޤާނޫނުގައި ކަނޑައަޅާފައިވާ 5 އަހަރުގެ މުއްދަތު މި އަހަރަށް ހަމަވާނެއެވެ.
ޤާނޫނަށް މި އިސްލާހު ހުށައަޅާފައިވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރަންޖެހޭ މުއްދަތު އިތުރުކުރުމަށެވެ. އެގޮތުން، ފާސްކުރެވުނު އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށެވެ.
މީގެ އިތުރުން، މި ބިލުގައި ރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓަރީތަކުގައި ޢާންމު ބޭނުންތަކަށް ދޫކުރާ ފެނުގެ ފެންވަރާއި ރައްކާތެރިކަން ބަލައި ތަޙުލީލުކުރުމުގެ ޚިދުމަތް ދިނުމަށްޓަކައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އެ ލެބޯޓަރީތަކުގައި ފެން ތަޙުލީލުކުރުމުގެ ޚިދުމަތް ދިނުމާ ގުޅޭ ޝަރުތުތައް ކަނޑައެޅުން ހިމެނޭހެން، ވިޔަފާރިއާއި ޢާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ހަމައެއާއެކު، ކޮންމެ މީލާދީ އަހަރެއް ނިމުމުން ފެނާއި ނަރުދަމާ ޚިދުމަތުގެ ޕާފޯމަންސް ރިޕޯޓު ހުށައަޅަން އޮންނަ މާއްދާ ބިލުގައި ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ. އެގޮތުން، ޚިދުމަތްދޭ ފަރާތުން ކުރިއަށް އޮތް އަހަރު ޚިދުމަތް ދިނުމަށް ކަނޑައަޅާ ގޮތުގެ ޕްލޭނަކާއި، ވޭތުވެދިޔަ އަހަރު އެ ފަރާތުން ފޯރުކޮށްދިން ޚިދުމަތް ފޯރުކޮށްދިން ގޮތާގުޅޭ ޕާފޯމަންސް ރިޕޯޓެއްގެ މައްޗަށް އެކުލެވޭ އަހަރީ ރިޕޯޓެއް ކޮންމެ މީލާދީ އަހަރެއް ނިމުމުން ހުށައަޅަންޖެހޭނެކަމަށް އައު ބިލުގައި ބަޔާންކުރެއެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަށް ގެނައި މި އިސްލާހުތަކުގައި ބައެއް ކުށްތަކަށް އަދަބުތައްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން، ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކުރާ ފަރާތެއްގެ އަދަބަކީ 1 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ކަމަށާއި، ބިމުގެ ފެން ފަށަލަ ތަޣައްޔަރުވާފަދަ ޢަމަލެއް ކޮށްފިނަމަ އެފަދަ ފަރާތެއްގެ އަދަބަކީ 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝައިޢުކުރާ ދުވަހުން ފެށިގެންނެވެ.