ޚަބަރު
ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ފިޔަވަޅެއް: "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ބިލު ފާސްކޮށްފި

2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާ ފޮޓޯ: މަޖިލިސް
ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަންފީޒްކުރުމަށް "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް"ނަމުގައި ޚާއްޞަ އޮފީހެއް ޤާއިމްކުރުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްވީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
މި ބިލުގެ އެންމެ ބޮޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމެވެ. އަދި "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ނަމުގައި ސަރުކާރުގެ އޮފީހެއް ޤާއިމްކޮށް އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމަކީވެސް މި ބިލުގެ މުހިންމު ބޭނުމެކެވެ.
"މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ" އޮފީހުގެ ބިލުގައި ބުނެފައިވާ ގޮތުން އެ ޤާނޫނުން ހިމާޔަތްކޮށްދޭ ފިކުރީ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި، ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ. މި އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދަލާ ގުޅޭ ދަފްތަރެއް އެކުލަވާލުމާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ގުޅުން ބަދަހިކުރުމާއި، ފިކުރީ މުދަލާ ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ބައިވުމަށް ކުރަންޖެހޭ ކަންކަން ކުރުން ހިމެނެއެވެ.
މި ބިލުގައި ބަޔާންކުރާ ގޮތުގައި މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީއެވެ. އެ މަޤާމަށް މީހަކު އައްޔަންކުރުމުގެ ބާރު ލިބިދީފައިވަނީ އިޤްތިޞާދީ ވަޒީރަށެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެތެރޭގައި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންވާނެކަމަށް ބަޔާންކުރެއެވެ. ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އޭނާގެ ދައުރު ހަމަވުމުން އެ މަޤާމަށް އައްޔަންކުރަންވާނީ އެހެން ބޭފުޅެއްކަމަށް ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ސާޢިކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.