ޚަބަރު
ހުޅުމާލޭގައި ހަރަކާތްތައް ބޭއްވުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް: އަށް ސަރަހައްދެއް ކުއްޔަށް ދޫކުރަނީ

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު އެކްސްޕޯއެއް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހުޅުމާލޭގައި ޕާޓީތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް ކުއްޔަށް ދޫކުރާ ތަންތަން އިތުރުކުރުމުގެ ގޮތުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަރަކާތްތަކަށް ބޭނުންކުރުމަށް ހުޅުމާލޭގެ ސަރަހައްދުތައް ދޫކުރާ އުސޫލު އާންމުކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު އާންމުކުރި މި އުސޫލުގެ ދަށުން، ހުޅުމާލޭގެ ތަފާތު އަށް ސަރަހައްދެއް މިހާރު ކުއްޔަށް ދޫކުރާނެއެވެ.
މި އަށް ސަރަހައްދުގެ ތެރޭގައި މީގެ ކުރިންވެސް ހަފުލާތައް ބާއްވަން ކުއްޔަށް ދޫކުރި ތަންތަނާއި އަލަށް އިތުރުކުރި ތަންތަން ހިމެނެއެވެ. އެގޮތުން، ހުޅުމާލޭ ސެންޓްރަލް ޕާކާއި ރުއްގަނޑު އެކަކާއި ދެއަކާއި ތިނެއްގެ އިތުރުން، ފެރީ ޓާމިނަލް ޕާކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދާއި ހިޔާ ޕާކް ޕްލާޒާގެ އިތުރުން ކޮމާޝަލް ބްލޮކް އޭޑީއާއި ޑީ3-1 ހުސް ބިމަކީ މިހާރު ހަރަކާތްތައް ބޭއްވުމަށް ކުއްޔަށް ދޫކުރާނެ ސަރަހައްދުތަކެވެ.
މި ތަންތަން ކުއްޔަށް ދޫކުރާނީ ޒޯންތަކަށް ބަހައިގެން ވަކިވަކިން ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުލި ދައްކަން ޖެހޭ މިންވަރު ވެސް ވަނީ ހިމަނާފައެވެ. އެގޮތުން، ހުޅުމާލޭގައި އެންމެ ގިނަ ހަރަކާތްތައް ހިންގާ ސެންޓްރަލް ޕާކު ދުވާލަކަށް ކުއްޔަށް ދޫކުރާނީ 258،941 ރުފިޔާއަށެވެ. މި ސަރަހައްދުގައި ސްޓޭޖު ޝޯއާއި އެކްސްޕޯއާއި ކައިވެނި ހަފުލާތައް ފަދަ ހަރަކާތްތައް ބޭއްވޭނެއެވެ.
ސިޔާސީ ހަރަކާތްތައް ބޭއްވުމަށްޓަކައި ހުޅުމާލޭ ރުއްގަނޑު އެކަކާއި ދެއެއް ވަކި ސަރަހައްދެއްގެ ގޮތުގައި އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ. މި ތަންތަން ކުއްޔަށް ނެގުމަށް އެދި ހުށަހަޅަން ޖެހެނީ 'މައި ހުޅުމާލެ ޕޯޓަލް' މެދުވެރިކޮށެވެ. ހުއްދައަށް އެދި ހުށަހަޅާ ކޮންމެ ފޯމަކަށް 150 ރުފިޔާގެ އިދާރީ ފީއެއް ނެގުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ.
ހަރަކާތްތައް ބޭއްވުމަށް އެޗްޑީސީން ހުއްދަ ދޫކުރަނީ މަދުވެގެން އެއް ގަޑިއިރަށެވެ. އަދި އެންމެ ގިނަވެގެން 10 ދުވަހަށް ހުއްދަ ދޫކުރެއެވެ. މި އުސޫލަށް މިހާރު އަމަލުކުރަމުން އަންނައިރު، އުސޫލާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، ދޫކުރި ހުއްދަ ބާތިލުކޮށް، 500 ރުފިޔާއިން ފެށިގެން އެކަމަކާ އެކަށީގެންވާ އަދަދަކުން ޖޫރިމަނާކުރާނެއެވެ.