ވިޔަފާރި / ޚަބަރު

ބ. ކަމަދޫއަށް ސީޕްލޭން ޚިދުމަތް ދިނުމަށް މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ބ. ކަމަދޫއަށް ސީޕްލޭން ޚިދުމަތް ދިނުމަށް މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އަދި ހޯކްސް ހޮޓެލްސްގެ ޑިރެކްޓަރ ހުސައިން އަމަން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2025، 12:16

11 އޯގަސްޓު 2025، 12:16

ބ. ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ކަމަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ހުސައިން އަމަންއެވެ.

ބ. ކަމަދޫއަކީ ރަށުފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި އޮންނަ ރަށެކެވެ. ޚާއްސަކޮށް ބަންދު ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން މި ރަށަށް ޒިޔާރަތްކުރެއެވެ. މީގެ އިތުރުން ކަމަދޫއަކީ ގެސްޓުހައުސް ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ހިންގާ ރަށެކެވެ. ހޯކްސް ކުންފުނިން ވެސް މިހާރު ދަނީ އެ ރަށުގައި މަތީ ފަންތީގެ ދެ ގެސްޓުހައުސް ހިންގަމުންނެވެ. އެހެންކަމުން، ސީޕްލޭން ޚިދުމަތް ފެށުމުން ކަމަދޫގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ބ. އަތޮޅުގައި މިހާރު ވައިގެ ދަތުރުފަތުރު ބާއްވަނީ ދަރަވަންދޫގައި އޮންނަ އެއާޕޯޓަށެވެ. ދަރަވަންދޫއަކީ ވެސް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ. ސީޕްލޭން ޚިދުމަތް ކަމަދޫއަށް ފެށުމާއެކު، ބ. އަތޮޅުގެ ގެސްޓުހައުސް ވިޔަފާރި ކުރާ ރަށްރަށަށް ދަތުރުފަތުރުކުރުމުގެ ފަސޭހަ އިތުރުވެ، ފަތުރުވެރިކަން އިތުރަށް ހަރުދަނާވުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

އެއާޕޯޓު އެޅުމަކީ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަމެކެވެ. ނަމަވެސް، ތަރައްގީގެ ނަމުގައި ރަށްރަށް ހިއްކައިގެން އެއާޕޯޓު އެޅުމުން އޭގެ ސަބަބުން އިގްތިޞާދީ ގޮތުން ކުރަންޖެހޭ ބޮޑެތި ހޭދަތަކާއި ތިމާވެށީގެ ގޮތުން ލިބޭ ގެއްލުންތަކުގެ ސަބަބުން ކޮންމެ ރަށެއްގައި އެއާޕޯޓު އެޅުމާ ދެކޮޅަށް ވެސް ޚިޔާލުފާޅުކުރާ ފަރާތްތައް މަދެއްނޫނެވެ. މިފަދަ ހާލަތެއްގައި ސީޕްލޭން ޚިދުމަތަކީ އެންމެ އެދެވޭ އަދި ތިމާވެއްޓަށް އެންމެ ފަސޭހަ ދަތުރުފަތުރުގެ ގޮތެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން