ޚަބަރު
ކަމަދޫ ރައްޔިތުންނަށް ރައީސް ދެއްވީ ތަފާތުކުރުން ނައްތާލާ ހަމަހަމަކަމާއެކު ތަރައްޤީ ގެނައުމުގެ ސިޔާސަތު ތަންފީޒުކޮށްދޭނެ ކަމުގެ ޔަޤީންކަން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

ފަރުދުން
11 އޯގަސްޓު 2025، 12:14
11 އޯގަސްޓު 2025، 12:14
ތަފާތުކުރުންތަށް ނައްތާލާ ހަމަހަމަކަމާއެކު ތަރައްޤީ ގެނައުމުގެ ސިޔާސަތު ތަންފީޒުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މީހުންދިއުޅޭ ރަށްތަކަށް ސިލްސިލާކޮށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ކަމަދޫއަށް ވަޑައިގެން، ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަމަދޫއަކީ ޗާޓުން އެއްކިބާކުރެވިފައި އޮތް ރަށެއްކަމަށާއި، އެކަން ނިމުމަކަށް ގެނެސްދީ، ރައްޔިތުންނާ ގާތުން ތަރައްގީގެ މަސައްކަތްކޮށް، އެ ރަށުގެ ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކަމަދޫގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާކަަމަށެވެ. އެގޮތުން މީގެކުރިން އެއަތޮޅުގެ ތަރައްޤީގެ ލިސްޓުގައި ކަމަދޫ އޮންނަނީ ފަހަތުގައިކަމަށާއި، އެ ތަފާތުކުރުން ނައްތާލާ ކަމަދުއަށް ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކަމދޫގެ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނީ ރަށުގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިވާނެ ގޮތަށް ކަމަށެވެ. ހަމައެއާއެކު ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށަކަށްވުމާއެކު އެ ރަށުގެ ރައްޔިތުން އެދޭފަދައިން ރަށުގެ ޞިއްޙީ ކަންކަން ތަރައްގީކުރުމުގެ މަސައްކަތް ކުރައްވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ޞިއްޙީ މަރުކަޒު ބޮޑުކުރުމާއެކު، ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމެވެ. އެއާއެކު ޞިއްޙީ މަރުކަޒުން ހިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން ކުޅިވަރު ދާއިރާއާއި ތަޢުލީމީ ދާއިރާއަށްވެސް އެދެވޭ ކުރިއެރުން ގެނެސްދެއްވާނެކަމަަށް ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވީ ކަމަދޫގައި މިހާރު ހިނގަމުންދާ އަދި ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ބަނދަރު ހެދުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ތަނުގައި ފެށޭނެކަމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލަ ގެނެސް އެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.