ޚަބަރު
ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލަށް އިތުރު 7 އެއަރލައިނެއް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި

އައު ޓަރމިނަލްގެ އެތެރެ ފޮޓޯ: އެމްއެމްޕީއާރްސީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޕަސެންޖަރ ޓަރމިނަލަށް އިތުރު 7 އެއަރލައިނެއް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ވިދާޅުވެއްޖެއެވެ. މިހާރު ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލުން ޚިދުމަތް ދެމުންދަނީ ހަމައެކަނި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، އެކުންފުނީގެ ސްޓޭކްހޯލްޑަރުންނާއި އެއަރލައިން ޕާޓްނަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އިތުރު 7 އެއަރލައިނެއްގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި އެއަރލައިންތަކަށް އައު ޓަރމިނަލަށް ބަދަލުވުމުގެ ޕްރޮސެސްއާއި އޮޕަރޭޝަންތައް ފުރިހަމައަށް ގެންދެވޭނެ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އައު ޓަރމިނަލަށް ބަދަލުކުރާނެ އެއަރލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، އެއާ އަރަބިއާ، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނެއެވެ. މި އެއަރލައިންތައް މި މަހުގެ ތެރޭގައި ބަދަލުކުރުމަށް ރޭވިފައިވާ ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
އައު ޓަރމިނަލް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލާނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ. އެއީ ގާތްގަނޑަކަށް 200 ޕެސެންޖަރުންގެ އެއަރކްރާފްޓްތަކެވެ. ނެރޯ ބޯޑީ ފްލައިޓްތައް ރާއްޖެއަށް ބާއްވާ 7 އެއަލައިނެއް މިހާރު ކަނޑައަޅާފައިވާއިރު، މި ފްލައިޓްތަކާއެކު، ގާތްގަނޑަކަށް 3 މަސް ދުވަހު ޓަރމިނަލް ތަޖުރިބާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިނަލުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ. މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.