ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ބ. ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި

ކަމަދޫގައި ޤާއިމް މި ކުރެވުނު އޭޓީއެމްއާއެކު، ބޭންކިންގެ ގިނަ ޚިދުމަތްތަކެއް 24 ގަޑިއިރު އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ، ފޮތޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބ. ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް މިއަދު ފައްޓަވައިދެއްވައިފިއެވެ.
އެ ރަށުގައި މުޅިން އަލަށް މި ޚިދުމަތް ފައްޓަވާދެއްވީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
މިއީ މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހިންގޭ ޕްރޮޖެކްޓުގެ ދަށުން އެ ރަށުގައި ޤާއިމްކުރި އޭޓީއެމްއެކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވިއިރު، އެ މަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާރޕާސަން އަޙުމަދު ޢަލީ ހަބީބު އާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ މި ހިނގާ 2025ވަނަ އަހަރު އެ ބޭންކުން ބެހެއްޓި 38ވަނަ އޭޓީއެމްއެވެ. އަދި އެ ބޭންކުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުން ކަމުގައި އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.
ކަމަދޫގައި ޤާއިމްކުރެވިގެން މިދިޔަ އޭޓީއެމްގެ ޚިދުމަތާއެކު، އެ ރަށުގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތުގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމާއި އަދި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެކަމަށް ބޭންކުން ހާމަކުރެއެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްއިން ވަނީ ކަމަދޫގެ ކައުންސިލަށް ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ. މި ފިލާ އެ ރަށު ކައުންސިލްގެ ރައީސްއަށް އެރުވީ، އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާ ބ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުވުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ. އެގޮތުން ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.