ޚަބަރު
ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓްގެ ޢަމަލީ މަސައްކަތް ފަށައިފި

ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓްގެ ޢަމަލީ މަސައްކަތް ފެށުން

ފަރުދުން
11 އޯގަސްޓު 2025، 11:01
11 އޯގަސްޓު 2025، 11:01
މާލޭ ސަރަޙައްދުގެ ފެނުގެ ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ރަނގަޅުކޮށް ހަރުދަނާކުރުމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި، ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓްގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީއަށް 29 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ ދިހަ މުވައްޒަފަކާއި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އަދި ބޯޑު މެންބަރުންނެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ އެ މަސައްކަތަކީ އެމްޑަބްލިޔުއެސްސީން މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން މި އިމާރާތުގެ މަސައްކަތް ނިމުމާއެކު ދުވާލަކު 5،000 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް މި އިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. މި އިމާރާތުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް އެކުންފުނިން ވަނީ އަމާޒުކޮށްފަ އެވެ.
މިއާއެކު މާލޭއާއި ހުޅުމާލެއަށް އެއްވެސް ދަތިކަމެއްނެތި ފެން ފޯރުކޮށްދެވޭނެކަަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. އެމްޑަބްލިއުއެސްސީ އަކީ ރާއްޖޭގެ އެންމެ ގިނަ ރަށްތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްފައިވާ ކުންފުންޏެވެ.