ޚަބަރު
ރާއްޖެ-ތުރުކީ ވިޔަފާރީގެ އެއްބަސްވުމަށް ދެ މަސްދުވަހުގެ ތެރޭގައި އަމަލުކުރަން ފަށަނީ

ރާއްޖެ-ތުރުކީ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެފައިވާ "ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުމަށް ކުރިއަށްއޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލުކުރަން ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.
ސަރުކާރުން ދަނީ އިންވެސްޓްމަންޓާއި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ގިނަ ޤައުމުތަކަކާއިއެކު މަސައްކަތްކުރަމުންނެވެ. އެގޮތުން ތުރުކީވިލާތަކީ މިފަދަ އެއް ޤައުމެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ވިޔަފާރީގެ ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ޤައުމީ ޓީވީއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ތުރުކީވިލާތާއެކު ޤާއިމްކުރުމަށް މަސައްކަތްކުރާ "ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އެންޑޯޒްކުރުމުން އަމަލުކުރަން ފެށޭނެކަމަށެވެ. އެގޮތުން ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި މިއަށް އަމަލުކުރަން ފެށޭނެކަމަށް ބެލެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ތުރުކީގެ އޮފިޝިއަލް ވިޒިޓްއަށްފަހު ޕްރިފަރެންޝަލް ޓްރޭޑް އެރޭންޖްމަންޓެއް އެއޮތީ ހެދިފައި. ތުރުކީ ޕާލަމަންޓްއިން އެންޑޯޒްކުރީމައި މި ޕީޓީއޭ އެކްޓިވް ވެގެން އަންނާނެ. ލަފާކުރެވޭ ގޮތުގައި އެކެއް ނުވަތަ ދެ މަސް ތެރޭގައި އެކަން ހަމަޖެހިގެން އަންނާނެ. އޭގެ މާނައަކީ ތުރުކީން ގެންނަ މިފަދަ މުދާވެސް ހަމަ ޒީރޯ ޑިއުޓީގައި ނުވަތަ ޑިއުޓީއަކާއި ނުލައި ގެނެވޭނެ
އިޤްތިޞާދީ ވަޒީރު
ތުރުކީވިލާތާއެކު އެކުލަވާލާފައިވާ އެއްބަސްވުމަކީ، ޔޫރަޕުގެ މާކެޓަށް ދިވެހިން ވަނުމަށް އެޅިގެންދިޔަ ފާލަމެއްގެ ގޮތުގައި ވަޒީރު މީގެކުރިން ވަނީ ސިފަކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން 90 މިލިޔަން މީހުންގެ ބޮޑު މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ތުރުކީވިލާތާއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އެޤައުމަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދާދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީވިލާތުގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި، ދިވެހިރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީވިލާތުގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޗައިނާއާއިއެކު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ. މީގެއިތުރުން އިންޑިއާ، ޔޫއޭއީ، ސްރީލަންކާ އަދި ސައުދީ އަރަބިއްޔާއާއިއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.