Ads by Stelco

ޚަބަރު

ފ.ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިފަ :އެމްޓީސީސީ

ފ.ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ  ބޮޑުބައި ނިމިފަ :އެމްޓީސީސީ

ފ ނިލަންދޫގެ ބަނދަރު މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2025، 05:36

10 އޯގަސްޓު 2025، 05:36

ފ. ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާކަމަށް، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އެމްޓީސީސީއާ ޙަވާލުކުރި މި މަޝްރޫޢަކީ ނިލަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމާއި ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ފެއްޓެވި މަޝްރޫޢެކެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުއޭ ވޯލް އެޅުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވަނީ އެއްކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތްކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މި މަސައްކަތް މިހާރު ނިމިފައިވަނީ 60 އިންސައްތައެވެ.



ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ދަށުން ރަށުގެ އިރުއުތުރު ފަރާތުގައި 130 މީޓަރުގެ ބޮޑުހިލައިގެ ނެރުގެ ފައިކަށި ޖެހުމާއި، 131 މީޓަރުގެ ބޮޑު ހިލައިގެ ރިވެންޓްމަންޓް ޖެހުމާއި، 194 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ. މީގެ އިތުރުން 30 މީޓަރު ދިގުމިނުގެ ޓީ-ޖެޓީއެއް ހެދުމާއި، 237 މީޓަރުގެ ކޮންކްރީޓް ކީވޯލަކާއި، 100 މީޓަރުގެ ކޮންކްރީޓް ޖެޓީއަކާއި، ކޮންކްރީޓް ރޭމްޕަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމަށް 75 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. 5 މީޓަރުގެ ފުޅާ ޕޭވްމަންޓާއިއެކު ބަނދަރު ބައްތި އަދި އެކްސެލް ޕްލެޓްފޯމެއް ވެސް މި މަޝްރޫޢުގެ ތެރެއިން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފ. ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރީ 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި 66.6 މިލިއަން ރުފިޔާއަށެވެ. ބޮޑު އާބާދީއެއް އޮންނަ ފ. ނިލަންދޫއަކީ ކޮންމެ ދުވަހަކުވެސް ގިނަ ޚިދުމަތްތަކެއް ހޯދަން އެތައް ބަޔަކު ޒިޔާރާތްކުރާ ރަށެކެވެ. ނިލަންދޫގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަމެވެ. މި މަޝްރޫޢުގެ ސަބަބުން މި މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން