ޚަބަރު
އެމްޕަވަމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މަޝްވަރާކުރެވިގެން، ތަފާތު ކަންކަން ހިމެނޭ ގޮތަށް ތައްޔާރުކުރެވޭ ތަނެއް: ސްޓޭޓް މިނިސްޓަރ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް

ފަރުދުން
10 އޯގަސްޓު 2025، 04:10
10 އޯގަސްޓު 2025، 04:10
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކާ، ވަޒީފާ އަދާކުރެވޭނެ ޖާގައެއް ހޯދައިދިނުމުގެ ގޮތުން ދިވެހިރާއްޖޭގައި މުޅިން އަލަށް ޚިދުމަތް ދޭންފަށާ 'އެމްޕަވަމަންޓް ހަބް' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކުވެސް މަޝްވަރާކުރެވިގެން ތައްޔާރުކުރެވިފައިވާ ތަނެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ފަހިދިރިއުޅުން ކޯޕަރޭޝަން އަދި ޒަކާތު ފަންޑު ގުޅިގެން ތައްޔާރުކުރެވޭ އެމްޕަވަމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ތައްޔާރުކުރެވޭތަނެއް ކަމުގައެވެ. ހަމައެއާއެކު އެތަނުގައި ކުރިއަށް ގެންދެވޭނެ ތަފާތު ޕްރޮގްރާމްތައްވެސް ވެގެންދާނީ މި މަސައްކަތްތަކުގައި އަމަލީގޮތުން ޝާމިލުވެ އުޅުއްވާ ޖަމުޢިއްޔާތަކާއެކު މަޝްވަރާކުރެވިގެން ކުރިއަށްދެވޭ ޕްރޮގްރާމްތަކެއްކަމުގައި ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުން ވަރަށް ގާތުން މަސައްކަތްކުރާކަމާއި، ޑިޒައިންއާއި ޚިދުމަތްތަކަށް ބަދަލުތައް ގެނެސްފައިވާނީ އެބޭފުޅުންގެ ޚިޔާލާއި އެކުގައިކަން އާތިފްވަނީ ފާހަގަ ކުރައްވާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ހުޅުވޭ މި ހަބްގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް، އާންމުންނަށް ވިއްކުމަށް ހުޅުވޭ ފިހާރައެއްވެސް ހިމެނޭކަމަށެވެ. އަދި ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްޤީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް، ތިން ވޯރކްޝޮޕް ޖާގައެއްގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނެއެވެ. މީގެއިތުރުން، ހަބްގައި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމް އަދި މަލްޓި މީޑިއާ ރޫމް އެއް ހުންނާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ހަބްގެ ބޮޑުމިނުގައި ޖުމްލަ 5500 އަކަފޫޓު ހުންނާނެ ކަމަށެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިތަނުގެ ޚިދުމަތްތައް އަމާޒުކުރެވިފައިވަނީ 40-18 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންނަށް ކަމަށެވެ. އެއާއެކު މި މަސައްކަތުގެ ތެރެއިން، ގިނަ ބަޔަކަށް ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވިގެންދިއުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުވެގެންދިއުމަކީ އުންމީދެއް ކަމަށް ވިދާޅުވިއެވެ.