Ads by Stelco

ޚަބަރު

މާލޭ ޕޯޓުގެ ތާށިކަން ޙައްލުކުރުމަށް، ހުސް ކޮންޓެއިނަރ ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

މާލޭ ޕޯޓުގެ ތާށިކަން ޙައްލުކުރުމަށް، ހުސް ކޮންޓެއިނަރ ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮންޓެއިނަރ އުފުލަނީ ފޮޓޯ:އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2025، 10:57

09 އޯގަސްޓު 2025، 10:57

މާލޭ ޕޯޓަށް ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ. މިކަމުގެ ސަބަބުން މާލޭ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ.

ރިޝްވާން މިހެން ވިދާޅުވީ، ނޯތު ހާބަރއަށް އެމްޕީއެލްއިން ގެންނަ ބަދަލުތަކާއި ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ހިއްސާކޮށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައެވެ. މި ބަދަލުތަކަކީ ޕޯޓުގެ ހިދުމަތްތައް ހަރުދަނާކޮށް، މަސައްކަތުގެ މާހައުލު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.

ހުސް ކޮންޓެއިނަރު ތިލަފުއްޓަށް ބާލާ މެނޭޖުކުރުމަށް އެރަށުގައި ހަދާ މަގަތު ފާލަމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މީގެ އިތުރުން ކޮންޓެއިނަރުތައް ބަހައްޓާ ސައިޓު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޕީއެލްގެ މުވައްޒަފުންނެވެ.

މިހާރު ބޯޓުތަކުން ހުސްކުރާ ކޮންޓެއިނަރުތައް ބަހައްޓަމުން ގެންދަނީ މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓުގައެވެ. މިއީ ގިނަ ޖާގައެއް ބޭނުންވާ މަސައްކަތަކަށް ވުމާއެކު، މާލޭގެ ޕޯޓަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ މައްސަލައެކެވެ.

ހުސް ކޮންޓެއިނަރތައް ބެހެއްޓުމުގެ ސަބަބުން ޕޯޓުގެވެސް ވަރަށް ބޮޑު ޖާގައެެއް އެބަ ގެއްލޭ. އަޅުގަނޑުމެން ވަނީ އަންގާފައި މިހާރު އެތަން އަވަހަށް ނިންމުމަށް. އޭރުން އަންނަ މަހުގެ ނިޔަލަށް ހުސްކުރާ ކޮންޓެއިނަރތައް ތިލަފުއްޓައް ގެންދެވެން ފެށޭނެ  

އެމްޕީއެލްގެ ސީއީއޯ ރިޝްވާން


ރާއްޖެއަށް އެތެރެކުރާ މުދާ އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ޕޯޓުގެ ޚިދުމަތްތައްވެސް އަންނަނީ ބާރުބޮޑުވަމުންނެވެ. އެމްޕީއެލްއިން ފާހަގަކުރާ ގޮތުގައި މާލޭގެ ޕޯޓުގެ ޖާގައިގެ ދަތިކަމުން ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް ހުރިއިރު، މުދަލުގެ އަދަދު އިތުރުވަމުންދިއުމާއެކު މަސައްކަތުގެ މާޙައުލުގެ ރިސްކްވެސް ބޮޑުވަމުންދެއެވެ.

ނަމަވެސް ސަރުކާރުން މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއާއެކު މިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން ޕޯޓު ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ވިޔަފާރި ދަތުރުފަތުރަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން