Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2025، 10:35

09 އޯގަސްޓު 2025، 10:35

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. އެމަނިކުފާނު މި ތަހުނިޔާ ފޮނުއްވާފައިވަނީ، މީސްމީޑިޔާގައި ހިއްސާކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް ޚާއްސަކޮށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސުލްހަމަސަލަސްކަމާއި ފާގަތިކަމަކީ ސިންގަޕޫރުގެ ކުރިއެރުމުގެ މުހިންމު ސިފައެއްކަން ފާހަގަކުރައްވާ، އެގޮތުގައި އަބަދުވެސް ދެމިއޮތުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން މިހާރު އިތުރަށް ބަދަހިވެ، ދެ ޤައުމަށް ފައިދާ ކުރަނިވި ގުޅުމަކަށް ބަދަލުވެގެން ގޮސްފައިވާކަން އެމަނިކުފާން ފާހަގަކުރައްވާފައިވެއެވެ.



ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި މިވަނީ، ދާދި ފަހުން އެމަނިކުފާނު އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދައުވަތަކަށް ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 2 އަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަތީ ފަންތީގެ ގިނަ މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން މުހިންމު 3 ދާއިރާއަކުން ވަނީ އެއްބަސްވުންތައް އެކުލަވާލާފައެވެ. މި އެއްބަސްވުންތައް އެކުލަވާލީ ޤާބިލުކަން އިތުރުކުރުމާއި ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއިންނެވެ. މީގެ އިތުރުން އެޤައުމުގައި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވިއެވެ. މި ފޯރަމްގައި ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ވަނީ ކިޔައިދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ސަރުކާރާއިއެކު ކުރެވުނު މަޝްވަރާތަކާއި، އެކުލަވާލެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ރައްޔިތުންނަށް ފައިދާކުރަނިވި ނަތީޖާތަކެއް ހޯދޭނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވެފައެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ޤައުމަކަށްވި ދުވަހެވެ. ސިންގަޕޫރާއި ދިވެހިރާއްޖެ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރު ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން