ޚަބަރު
ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް - ފަލާހު

ޕީއެންސީ ޕީޖީ ލީޑަރު ފަލާހު

ފަރުދުން
08 އޯގަސްޓު 2025، 03:28
08 އޯގަސްޓު 2025، 03:28
ޕީއެންސީގެ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ 13 ނުވަތަ 14 މެމްބަރަކު ކުރިޔަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީ ދޫކޮށް "ރައްޔިތުންގެ ފަޅިޔަށް" އަރާނެކަމަށް ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އައްބާސް މީސްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓުގެ ސްކްރީންޝޮޓެއް ޙިއްސާ ކުރައްވައި ފަލާހު ކުރެއްވި ޓުވީޓުގައި މިފަދަ ދޮގު ބުހުތާނުވާހަކަތައް ނުފެތުރުމަށް ވިދާޅުވެ އައްބާހަށް ވަރަށް ވަރުގަދަޔަށް ރައްދު ދެއްވާފައި ވެއެވެ. މިފަދަ ފިތުނަވެރި ވާހަކަ ފަތުރައިދޭމަތިން އައްބާސް އެގެއަށް ގެންގޮސް ޔާމީނު 3 މިލިއަން ރުފިޔާ ދީފައިވާކަމަށް ދެކެވޭ ވާހަކަތަކަށް މި މެސެޖުން ބާރުލިބޭކަމަށްވެސް ފަލާހުވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ކަމަށާ ކިތަންމެ ނުބައި ރޭވުންތަކެއް ރޭވިނަމަވެސް އެ ޕްލޭންތައް ކާމިޔާބުނުވާނެކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހުގެ އިތުރުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕްގެ އިތުރު މެމްބަރުންވެސް ވެލިދޫ ދާއިރާގެ މެމްބަރު ކުރައްވާފައިވާ ޕޯސްޓަށް މީސްމީޑިއާގައި ރައްދު ދެމުންގެންދެއެވެ.