ޚަބަރު
އިނގިރޭސި ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރި މީހަކީ ދިވެއްސެއް ނޫން: އިމިގްރޭޝަން

އިނގިރޭސި ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނި މީހާ އާއި އެ ތަން---
އިނގިރޭސި ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖަލު ޙުކުމެއް ކުރީ ދިވެއްސަކަށްކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ލިޔެފައި ވަނީ ދޮގު މަޢުލޫމާތެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން، އެ ޤައުމުގެ ކޯޓަކުން ޙުކުމެއްކޮށްފައިވާ މީހެއްކަމަށް ބުނާ ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑު ކޮށްފައިވާ ފަރާތެއް ނޫން ކަމުގައެވެ.
އެހެންކަމުން، މިފަދަ މައްސަލަތަކުގައި ހަޤީޤަތް ނުހޯދާ މަޢުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ޚަބަރު ލިޔެފައިވާ ނޫހުން ހާމަކުރި ގޮތުގައި، އެ ނޫހުން އެ ގޮތަށް ރިޕޯޓުކުރީ އިނގިރޭސި ފުލުހުންނާއި ޙަވާލާދީ އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުގައި އެއީ ދިވެއްސެއް ކަމުގައި ބުނެފައިވުމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ 29 މާރިޗު 2023ގައި، އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓާރ ޑިސްޓްރިކްޓްގެ ސޮހޯކިޔާ ސަރަޙައްދެއްގައި ހުންނަ ރުޕާރޓް ޖޭޑް ތައި މަސާޖު ނަމަކަށް ކިޔާ ތަނެއްގައެވެ. މި މައްސަލަ ފެންމަތިވީ، މި މައްސަލައިގައި އަނިޔާ ލިބުނު އަންހެން ކުއްޖާގެ ރުހުމަކާ ނުލައި އޭނާގެ ގައިގާ ބީހުމުންކަމަށް ރިޕޯޓުތައް ބުނެއެވެ.