Ads by Stelco

ޚަބަރު

ޒަކާތު ފަންޑުގެ ސްކޮލަރޝިޕް: ފުރުޞަތު ގިނަ، އެދޭ ފަރާތްތައް މަދު

ޒަކާތު ފަންޑުގެ ސްކޮލަރޝިޕް: ފުރުޞަތު ގިނަ، އެދޭ ފަރާތްތައް މަދު

އެމްއެންޔޫގެ ދަސްވެނިވުން ފޮޓޯ: އެމްއެންޔޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2025، 06:20

07 އޯގަސްޓު 2025، 06:20

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހަމަޖައްސައިދެއްވާ 50 ސްކޮލަރޝިޕަށް އެދި، އެންމެ 29 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އެ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިިދިޔަ އޭޕްރީލްމަހުގެ ތެރޭގައެވެ. އަދި ސްކޮލަރޝިޕްއަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު، ލިބުނު 29 އެޕްލިކޭޝަންގެ ތެރެއިން މަތީ ތަޢުލީމް ހާސިލްކުރުމަށްދޭ ޢާންމު ސްކޮލަރޝިޕްތަކަށް އެދި 18 އެޕްލިކޭޝަން ލިބިފައިވާއިރު، ޚާއްސަ ސްކޮލަރޝިޕްއަށް އެދި 11 އެޕްލިކޭޝަން ލިބިފައިވެއެވެ.

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ހުޅުވާލާފައިވާ ޖުމްލަ 50 ސްކޮލަރޝިޕްގެ ތެރެއިން 20 ފުރުޞަތަކީ ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވާ ފުރުޞަތެވެ. އަދި ބާކީ 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. މީގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމުގެ ފުރުޞަތުތައް ހިމެނެއެވެ. ޚާއްސަކޮށް މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުޞަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތަކެކެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީ، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީގެ އިތުރުން ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށެވެ.

މީގެއިތުރުން، ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ މިއިން ކޮންމެ ދާއިރާއަކުން ސުޕަރ ސްޕެޝަލިސްޓަކަށްވުމަށް އެއް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި ޝަރީޢާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕެންޑް) 10 ފުރުސަތު ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން