Ads by Stelco

ޚަބަރު

އިސްރަށްވެހިން ސްކޭމްތަކުން ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އިސްރަށްވެހިން ސްކޭމްތަކުން ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ސްކޭމްތަކުން ރައްކާތެރިކުރުމަށް ބޭއްވުނު ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމް ފޮޓޯ: ޕޮލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2025، 01:14

07 އޯގަސްޓު 2025، 01:14

ދިވެހި ފުލުހުންގެ ޚިދުމަތުން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސައިބަރ ކުށްތަކުންނާއި ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ އިސްރަށްވެހިންނަށް ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރުމުގެ މުހިންމު މަޢުލޫމާތު ދިނުމަށް ކުރެވުނު މަސައްކަތެކެވެ.

މި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމާތާއި، އިސްރަށްވެހިންގެ ނާދީއާ ގުޅިގެންނެވެ. ޕްރޮގްރާމްގެ ހަރަކާތްތައް ބާއްވާފައިވަނީ މާލެ އަދި ހުޅުމާލެއަށް ޚާއްޞަ އިސްރަށްވެހިންގެ ނާދީގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރގެ ފަރާތުންނެވެ.

މި ސެޝަންތަކުގެ ތެރެއިން، އިންޓަރނެޓް ބޭނުންކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާއި، ސްކޭމްތަކުގެ ނުރައްކަލުގެ މައްޗަށް ބޮޑަށް އަލިއަޅުވާލާފައިވެއެވެ. ޚާއްޞަކޮށް، ސްކޭމްތައް ދެނެގަންނާނެ ގޮތާއި، ސްކޭމަރުން އާންމުކޮށް ގެންގުޅޭ އުކުޅުތަކުގެ ތަފްސީލީ މަޢުލޫމާތު ވަނީ އިސްރަށްވެހިންނަށް ފޯރުކޮށްދީފައެވެ. އަދި ސްކޭމްތަކުގެ ޝިކާރައަކަށް ވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި އަމަލުކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް މަޢުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.

ފުލުހުންގެ މި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. އިސްރަށްވެހިންގެ ނާދީން ހިންގާ މިފަދަ ހަރަކާތްތަކުގައި 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށް ނާދީން ބުނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ނުވަތަ 3027586 އަށް ގުޅުއްވުމަށް އެ ނާދީން ވަނީ އެދިފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، އިންޓަރނެޓްގެ ބޭނުންތައް އިތުރުވަމުންދާ މި ދުވަސްވަރު އިސްރަށްވެހިންނަށް ދިމާވެދާނެ މާލީ އަދި ނަފްސާނީ ގެއްލުންތަކުން އެބޭފުޅުން ސަލާމަތްކުރުމަށް އެހީތެރިވުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން