Ads by Stelco

ޚަބަރު

މުދައްރިސުންގެ ދަތިކަން ވަރަށްބޮޑު- މިދާއިރާއަށް ވަނުމަށް ހިތްވަރުދީ، ކުރިއަށްދިއުމަށް ބާރުއަޅަންޖެހޭ: ވަޒީރު ޝަފީޢު

މުދައްރިސުންގެ ދަތިކަން ވަރަށްބޮޑު- މިދާއިރާއަށް ވަނުމަށް ހިތްވަރުދީ، ކުރިއަށްދިއުމަށް ބާރުއަޅަންޖެހޭ: ވަޒީރު ޝަފީޢު

ތަޢުލީމީ ވަޒީރު އިސްމާޢިލް ޝަފީޢު

farudhun logo

ފަރުދުން

07 އޯގަސްޓު 2025، 12:43

07 އޯގަސްޓު 2025، 12:43

ރާއްޖޭގައި މުދައްރިސުންގެ ދަތިކަން ވަރަށްބޮޑު ކަމަށާއި، މުދައްރިސުކަން ކިޔާވާ ދަރިވަރުންނަށް މިދާއިރާއަށް ވަނުމަށް ހިތްވަރުދީ، ކުރިއަށްދިއުމަށް ބާރުއަޅަންޖެހޭ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

ޓީޗަރުން ލިބުމުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުން ހިއްސާކުރައްވަމުން "ފޭސްބުކް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނެތުމުގެ މައްސަލަ ކުރިމަތިވެ، އެއްވެސް ތަމްރީނެއް ލިބިފައިނެތް ފަރާތްތަކެއް ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރުމަށްވުރެ، އެދާއިރާއިން 1 އަހަރު ދުވަހުގެ ޑިޕްލޮމާއަކާއެކު ތަމްރީނުވެ ތައުލީމީ ދާއިރާއަށް ވަންނަ މުދައްރިސްވެސް ރަގަޅުވާނެކަމަށެވެ. އެއޭއެކު އެފަރާތްތަކަށް ޖެހޭނީ ޑިގްރީ ފުރިހަމަ ކުރުމަށް ބާރުއަޅާ އިތުރަށް އެހީތެރިކަންދޭންކަމަަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއް އަހަރު ޑިޕްލޮމާ އަކާއެކު ޓީޗިންގ ކެރިއަރ ފެށި އެތައް މުދައްރިސުންނަކާއި ފަންނީ އެތައް ބަޔަކު މި ގައުމުގައި ތިބޭނެ ކަމަށާއި، އެމީހުނަކީ ދަށް ބައެކޭ ނުބުނެވޭ ވަރުގެ މޮޅު މުދައްރިސުންގެ ގޮތުގައި ފާހަގަކުރެވިގެންދިޔަކަމަށެވެ.

ހަމައެއާއެކު މުދައްރިސެއްގެ އަތުގައި ފުރަތަމަ ޑިގްރީގެ ސަނަދެއް އޮތުން މުހިއްމު ވީނަމަވެސް، އިސްކޫލެއްގައި ކިޔަވައިދެވޭނީ ހަމައެކަނި 3 ނުވަތަ 4 އަހަރުގެ ސަނަދެއް ހޯދުމަށްފަހު ކަމުގައި ހެދުމަކީ ރާއްޖޭގެ ހާލަތު ތަންދޭ ކަމެއްނޫންކަންވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

 މިއީ މުދައްރިސުން ލިބުމުގައި ދިމާވެފައިވާ އެކި ގޮންޖެހުންތަކާއިހެދި ބައެއް ގައުމުތަކުގައި އަމަލުކުރާގޮތެއްވެސް ނޫނެވެ. މި ވިސްނުމަށް އަމަލުކޮށްގެން ދުވަހަކުވެސް ރާއްޖޭގައި މިއޮތް މުދައްރިސުން މަދުވުމުގެ ހާލަތު ބަދަލެއް ނުވާނެއެވެ. މުދައްރިސަކަށް ވުމަށްވެސް އެތައް މަގެއް އިޚުތިޔާރު ކުރެވިދާނެއެވެ (އިނގިރޭސި ވިލާތުގައި މުދައްރިސުން ތަމްރީނުކުރާ ތަފާތު ޕާތުވޭ ފެންނަ ގޮތުގެ މިސާލެއް މި ޕޯސްޓުގެ ފޮޓޯއެއްގައި ހިމަނާފައިވާނެއެވެ). ރާއްޖޭއަށް ކުރިމަތިވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަން ފިލުވުމަށް ތަފާތު ޕާތުވޭތައް ތަޢާރަފްކޮށް މުދައްރިސުންނަށް މުޖުތަމަޢުގައި ދެވޭ އިޙްތިރާމާއި ގަދަރު ދޭންޖެހެއެވެ. މުދައްރިސުންދެކެ ލޯބިވާ މުޖުތަމަޢެއް އުފަންވާންޖެހެއެވެ. އަދި، ޑިޕްލޮމާ ސެޓުފިކެޓަކާއެކުވެސް މިދާއިރާއަށް ވަނުމަށް ހިތްވަރުދީ، ދާއިރާއިން ކުރިއަށްދިއުމަށް ބާރުއަޅާ، ސާބަސް ދޭންޖެހެއެވެ. ވަޒީރު


ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއަށް މިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއެއް ކުރިމަތިވެފައި ކަމަށެވެ. އަދި މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަކަށް ފަރުވާލެއް ނުބެހެއްޓުމުގެ އިތުރަށް، އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ފާއިތުވެދިޔަ ކައިރި މާޒީގައިކޮށްފައި ނުވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މާލޭގައި ދިރިއުޅުމުގެ އަގާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކޮށް މުދައްރިސްކަން ފަސޭހައިން ކިޔެވޭގޮތަށް ކަންކަންފަހިކޮށް، މިދާއިރާއަށް ސްކޫލްތަކުން ނުކުންނަ ދަރިވަރުން ކިޔެވުމަށް ބާރުއަޅާފައިވާ މިންވަރުވެސް ކުޑަކަމުގައި ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ 2023ވަނަ އަހަރު ނިމުނުއިރު އުގެނުމުގަ ހާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ 600އަށްވުރެ ގިނަ މުދައްރިސުން ނެތި ދަރިވަރުން ބިކަވެފައިތިބުންކަން ވަޒީރުގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.  

2022 ވަނަ އަހަރު އެކުލަވާލި މުދައްރިސުންގެ ޖޮބް މެޓްރިކްސްގައި ލެވަލް 5 ގެ ޑިޕްލޮމާ (1 އަހަރުގެ) ސެޓްފިކެޓަކަށް ސެން ކުލާސްތަކުގައި ކިޔަވައިދޭނެ މުދައްރިސެއްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދޭނެކަމަށް  ވަނީ ލިޔެފައެވެ. ދެން މި އޮނިގަނޑަށް ފެތޭ ގޮތަށް މުދައްރިސުން ތަމްރީނުކުރުން ގޯސްވާނީ ސީދާ އިނދިކީލި ސިޔާސީ ބަޔަކަށެވެ. ވަޒީރު ޝަފީޢު

  ވަޒީރު ވިދާޅުވީ މިއީ ޤައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ.އަދި މިއީ "ސިޔާސީ ގޭސް" އެނބުރުމަށްވުރެ ހައްސާސީ ކަމެއްކަމުގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން