Ads by Stelco

ޚަބަރު

މާލީ ބާރުވެރިކަމުގެ ބޭނުން ކުރަނީ ޒިންމާދާރުކަމާއެކުގައި ކަން ކަށަވަރު ކުރުމަކީ ރައްޔިތުންގެ އިތުބާރު ލިބޭނެކަމެއް: ވަޒީރު

މާލީ ބާރުވެރިކަމުގެ ބޭނުން ކުރަނީ ޒިންމާދާރުކަމާއެކުގައި ކަން ކަށަވަރު ކުރުމަކީ ރައްޔިތުންގެ އިތުބާރު ލިބޭނެކަމެއް: ވަޒީރު

ވަޒީރު އާދަމް ޝަރީފް ޢުމަރު: ފޮޓޯޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

07 އޯގަސްޓު 2025، 10:34

07 އޯގަސްޓު 2025، 10:34

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

"އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އެގޮތުން، ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށްދެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.



ވަޒީރު ވިދާޅުވެފައިވަނީ ކައުންސިލްތައް ހިންގުމުގައި މިގެންނަވާ ބަދަލު ތަކަކީ ކައުންސިލްތައް ޙަޤީޤީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތައްކަމަށެވެ. ހަމައެއާއެކު  ވީރާނާ ވެފައިހުރި 105 ކައުންސިލް އިދާރާ، އިމާރާތްކޮށްދެއްވުމަކީ ސީދާ ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުންދާ ކަންކަން ކަމުގައިވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމާއި މާލީގޮތުން ޒިންމާދާރުކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅައި، މި ބިލު މަޖިލީހުން އިއްޔެ ވަނީީ ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގައިވާގޮތުން ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރެއެވެ. ހަމައެހެންމެ އެ މުއްދަތުގައި ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށާއި ކުރިން ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައްވެސް އެ މުއްދަތުގައި ނުފެށޭގޮތަށް އިސްލާޙުގައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން