Ads by Stelco

ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤު ނުކުރުމަށް އެމްޑީޕީއިން ގޮވާލައިފި

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤު ނުކުރުމަށް އެމްޑީޕީއިން ގޮވާލައިފި

އެމްޑީޕީއިން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާ--- ފޮޓޯ: އެމްޑީޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޯގަސްޓު 2025، 08:40

07 އޯގަސްޓު 2025، 08:40

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހު ތަސްދީޤު ނުކުރުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ގޮވާލައްވައިފިއެވެ.

އެ ޕާޓީއިން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، އެ އިސްލާޙުތަކުގެ ސަބަބުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވުމަށް ހޯދާފައިވާ މިނިވަންކަން ގެއްލިގެންދާނެ ކަމަށެވެ. 

"މިރޭ އަޅުގަނޑު ހަމަ ގައުމަށްޓަކައި ރައީސް މުޢިއްޒަށް ގޮވާލަން [ކައުންސިލްތަކާ ގުޅޭ ބިލް] ތަސްދީޤުނުކުރަން. ތަސްދީޤުނުކުރައްވާށޭ، އަލުން ވިސްނަވާށޭ، ތިކަން ހުއްޓާލައްވާށޭ،" ފައްޔާޒު ވިދާޅުވިއެވެ. 

އެއަށްފަހު ފައްޔާޒު ވިދާޅުވީ، އެ ބިލު ތަސްދީޤު ކުރެއްވި ނަމަވެސް، ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ޤާނޫނު އަލުން އިސްލާޙުކޮށް، މިހާރު އޮތް ގޮތަށް ބަދަލު ގެންނަވާނެކަމަށެވެ.

މި ޤާނޫނަށް ގެނައި އިސްލާޙާ ދެކޮޅަށް މިހާތަނަށް 56  ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށް، ބަޔާން ވެސް ވަނީ ނެރެފައެވެ.

މި އިސްލާޙުތައް ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ޙުސައިންއެވެ. މި ބިލާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ނިސްބަތްވާ މެންބަރުން ވަނީ، މިއީ މުހިންމު ބިލެއްގެ ގޮތުގައި އިއްތިފާޤުވެވަޑައިގެންފައެވެ. އެގޮތުން މިއީ ކައުންސިލްތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށާއި މި އިސްލާޙުގެ ސަބަބުން އެއްވެސް ޙައްޤެއް ކައުންސިލުތަކުން ނިގުޅައިގަނެވިގެން ނުދާނެކަމަށް އެ މެމްބަރުން ފާހަގަ ކޮށްފައިވެއެވެ. 

މި އިސްލާޙުގައި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރުމަށް ލާޒިމް ކުރެއެވެ. ހަމައެހެންމެ، އެ މުއްދަތުގައި ކައުންސިލުގެ އިޙުތިޞާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށާއި، ކުރިން ޕްލޭން ނުކުރާ ތަރައްޤީގެ މަޝްރޫއުތައް ވެސް އެ މުއްދަތުގައި ނުފެށޭގޮތަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން މި އިސްލާޙުތައް ބާރު އަޅަނީ ދައުރު ހަމަވާން ކައިރިވާއިރު ސިޔާސީ މަންފާއަށް ވަޒީފާތަކަށް މީހުން ނެގުމާއި ބިމާއި ފަޅުން ހޯދާ ނާޖާއިޒް ފައިދާތައް ހުއްޓުމަކަށް ގެނައުމަށްކަމަށް ސަރުކާރުގެ ފަރާތުން ހާމަކުރެއެވެ.

ހަމައެއާއެކު، މި އިސްލާޙުތަކާ ގުޅިގެން  ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދާފައިވާ ރަށްރަށުގައި، އަމިއްލަ ފަރާތަކުން ކުރަމުންދާ އިޤުތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް، އެ ކުންފުނި މެދުވެރިކޮށް އެ ރަށެގައި ނުހިންގޭނެއެވެ. އަދި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ރައްޔިތުންނަށް އަސާސީ ޚިދުމަތް ދިނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމަކުން ނުވަތަ އިމާރާތަކުން ވެސް ކުއްޔެއް ނުނެގޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން