ޚަބަރު
ޖުލައި މަހުގެ ނިޔަލަށް ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު %50 އިތުރުވެއްޖެ

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ---
ދައުލަތުގެ ދަރަނިތައް ދެއްކުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖަމާކޮށްފައިވާ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %50 އިތުރުވެއްޖެއެވެ.
އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ފަންޑަށް ވަނީ އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ. މިކަން ހާމަވެފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މާލީ ހިސާބުތަކުންނެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެސްޑީއެފްއަށް ވަނީ 1.18 ބިލިއަން ރުފިޔާ ޖަމާކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފައިވާ އަދަދަށް ވުރެ 396.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހު އެ ފަންޑަށް ޖަމާކޮށްފައި ވަނީ 783.8 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އެ ފަންޑަށް ލިބުނު %50.6ގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ފަންޑުގެ މަޤުސަދު ހާސިލްކުރުމަށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދަރަނި ދެއްކުމަށް 3.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ދަރަނި ދެއްކުމަށް މިހާބޮޑު އަދަދެއް ހޭދަކުރި ނަމަވެސް، ދައުލަތަށް ލިބޭ އާންދަނީ އިތުރުވެފައިވުމާއި، ޚަރަދުތައް ކުޑަކޮށްފައިވުމުގެ ސަބަބުން، މި އަހަރުގެ މިހާތަނަށް ހޭދަވެފައިމިވާ ހަތް މަހުގައި ވެސް ބަޖެޓު އޮތީ އަރަނީގައިކަމަށް މާލީ ކަންކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %17.4 ދަށްކޮށް، ދައުލަތުގެ ބަޖެޓުގެ ބާކީ ވަނީ 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފައެވެ. މިގޮތުން ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ބާކީ އޮތީ 6.4 ބިލިއަން ރުފިޔާގެ ދަރަންޏެއްގައެވެ. އަދި އޭގެ ކުރިން، 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ވެސް ދައުލަތުގެ ބަޖެޓުގެ ބާކީ އޮތީ 4.2 ބިލިއަން ރުފިޔާގެ ދަރަންޏެއްގައެވެ.