Ads by Stelco

ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯސްތައް ފަށައިފި

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯސްތައް ފަށައިފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ފެށުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޯގަސްޓު 2025، 06:06

06 އޯގަސްޓު 2025، 06:06

އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން (ސެން ޓީޗަރުން) ތަމްރީނުކުރުމުގެ ކޯސްތަކެއް، ތަޢުލީމީ ވުޒާރާއާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އަދި ވިލާ ކޮލެޖުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ކޯސްތައް ފެށުމަށްޓަކައި އެކަމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި ކޯސްތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ "މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް" ގެ ދަށުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. އޭގެ ބޭނުމަކީ އުނގެނުމުގައި ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަކީ އެކަމަށް ޤާބިލު ބަޔަކަށް ހެދުމެވެ.

އުނގެނުމުގައި ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯހާ ގުޅޭ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލު ޝަފީޢުއެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބެވެ.



މި ކޯހާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސީޓީގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ޝިނާ ވިދާޅުވީ، މި ކޯހުގެ ކިޔެވުން އަންނަ ސެޕްޓެމްބަރުމަހު ފެށޭނެކަމަށެވެ. ޑރ. ޝިނާ އިތުރަށް ވިދާޅުވީ، މިއީ އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ކަމަށާއި، މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައިޔޫއެމްގެ ކެމްޕަސްތައް ހުންނަ ކޮންމެ ރަށެއްގައިކަމަށެވެ. އަދި މިހާރު ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަންވެސް ޑރ. ޝިނާ ފާހަގަކުރެއްވިއެވެ.

ޑރ. ޝިނާ ވިދާޅުވި ގޮތުގައި، މި ކޯސް މައިގަނޑުގޮތެއްގައި 8 މޮޑިއުލެއްގެ މައްޗަށް ޚާއްސަކުރެވިފައިވާއިރު، މި ދާއިރާއިން ތަޚައްސުސު ވެފައިވާ ބޭފުޅެއްގެ އެހީތެރިކަމާއެކު ވަރަށް ބޮޑަށް ކަރިކިއުލަމް ފަރުމާކުރެވިފައިވާނެއެވެ. މި ކޯސް ކުރިއަށްގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެންނެވެ. ކޯހުގައި ކިޔެވޭ 8 މޮޑިއުލްގެ އިތުރުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް 4 ވޯކްޝޮޕެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އައިޔޫއެމްގެ އިތުރުން ވިލާ ކޮލެޖުގައިވެސް މި ކޯސް އަންނަ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މި ކޯހަކީ ދަރިވަރުންނަށް މުޅިން ހިލޭ ކިޔަވައިދޭ ކޯހެކެވެ. މީގެއިތުރުން، ކޮންމެ މަހަކުވެސް ޕޮކެޓް މަނީގެ ގޮތުގައި ކޮންމެ ދަރިވަރަކަށްވެސް 1500ރ ދިނުމަށް ހަމަޖެހިފައިވާކަން ވެސް ވުޒާރާއިން ފާހަގަކުރިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން