ޚަބަރު
މޫސުމީ ބަދަލުތަކަށް ޒުވާނުން ދައްކާ ލީޑަޝިޕުން އުއްމީދު ލިބޭ: މިނިސްޓަރ ޠާރިޤު

މާލޭގައި ބޭއްވުނު "ޔޫތު ޓްރެކް ޓު ކޮޕް30: މޮކް ކޮޕް" ފޮޓޯ: ވުޒާރާ
މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމުގައި ޒުވާނުން ދައްކާ ހުނަރުވެރިކަމާއި، ޝައުޤުވެރިކަމާއި، ހީވާގިކަމުން ވަރަށް ބޮޑަށް އުއްމީދު ލިބިގެންދާ ކަމަށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މާލޭގައި ބޭއްވުނު "ޔޫތު ޓްރެކް ޓު ކޮޕް30: މޮކް ކޮޕް" ޕްރޮގްރާމަށް ޝަރަފުވެރިކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވުމާއި، މިކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، ބައިވެރިވި ޒުވާނުންގެ ކިބައިން ފެނުނު ހިތްވަރާއި އަޒުމަށް މިނިސްޓަރ ތައުރީފުކުރެއްވިއެވެ. އެގޮތުން، ޒުވާނުންނަކީ ހަމައެކަނި މާދަމާގެ ލީޑަރުން ނޫންކަމަށާއި، އެބައިމީހުންނަކީ މިއަދުގެ ލީޑަރުންކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. މި ޕްރޮގްރާމުގައި، ޒުވާނުން ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ އެކި މައްސަލަތަކާއި، އެކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ހުށަހެޅުންތައް ހުށަހަޅާ، މަޝްވަރާތައް ކޮށްފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، "ޒުވާނުން ދައްކާ މި ލީޑަޝިޕާއި، ޝައުޤުވެރިކަން އަދި ހީވާގިކަން ފެނި، މިނިސްޓަރަށް ވަރަށް ބޮޑު އުއްމީދެއް ލިބިއްޖެކަމަށެވެ. މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކަށް އެބައިމީހުންގެ ކޮމިޓްމެންޓް ވަރަށް ބޮޑު." ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ފާހަގަކުރެއްވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގަޔާއި، މި ރާއްޖޭގައިވެސް، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ހިނގުން ކުރިއަށް ގެންދަނީ ޒުވާނުން ކަމަށެވެ.
މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސްއިން ވަނީ، އެންމެހައި ޒުވާނުންނަށް، މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމުގައި އިސްކޮށް ތިބެ، އުނގެނި، އަދި އެހެން މީހުންނަށް ހިތްވަރު ދިނުން ކުރިއަށް ގެންދިޔުމަށް އެދިފައެވެ. ޒުވާނުންގެ ބައިވެރިވުމަކީ، މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގައި ވަރަށް މުހިންމު ދައުރެއް ކުޅޭނެ ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.