Ads by Stelco

ޚަބަރު

އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ފްލެޓް އެލޮކޭޓްކޮށް ސޮއިކޮށްފައިވާތީ މައްސަލަ އޭސީސީއަށް ހުށައަޅައިފި

އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ފްލެޓް އެލޮކޭޓްކޮށް ސޮއިކޮށްފައިވާތީ މައްސަލަ އޭސީސީއަށް ހުށައަޅައިފި

ފްލްޓް އިމާރާތްތައް/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޯގަސްޓު 2025، 03:23

06 އޯގަސްޓު 2025، 03:23

އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ފްލެޓް އެލޮކޭޓްކޮށް ސޮއިކޮށްފައިވާތީ މައްސަލަ ތަހުޤީގުކޮށްދެއްވުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށައަޅައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް، އެފްޑީސީ އާއި ހިއްސާކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރިއަށް ގެންދަނިކޮށް ކަނޑާއަޅާފައިވާ އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ފްލެޓް އެލޮކޭޓްކޮށް ސޮއިކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި، އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް، އެ ވުޒާރާއިން 16 ނޮވެންބަރު 2023ގައި ނެރުނު އިޢުލާންގައި ބަޔާންކޮށްފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި 76 އަށް ވުރެ މަތިން މާރކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް އެ ވުޒާރާއަށް ފާހަގަވެފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ މިއާއެކު، 76 އަށް ވުރެ މަތިން މާރކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައެޅުމުގެ ކުރިން، 75 އަށް ވުރެ މަތިން މާރކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ހަމަ އެހެންމެ، އެ ވުޒާރާގެ އިޢުލާނުގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް 76 އަށް ވުރެ މަތިން މާރކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފްލެޓް ކަނޑައަޅާފައިނުވަނީސް، 75 މާރކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފްލެޓް ކަނޑައަޅާފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ހޯދުމަށް ހުށައަޅާފައިވާ ފަރާތްތަކުގެ މަޞްލަޙަތަށް އުނިކަން އަންނަގޮތަށް، ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ނުވަތަ ގެއްލުން ދިނުމުގެ މަޤްޞަދުގައިކަމަށް އެ ވުޒާރާއަށް ޤަބޫލުކުރެވެކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ، މި މައްސަލަ ތަހުޤީގުކޮށްދެއްވުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާކަމަށް ވިދާޅުވެފައެވެ.

މި ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެއްބަސްވުން އެކުލަވާލުމަށް އެފްޑީސީއަށް ފޮނުވާފައިވާއިރު، މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުން ވަނީ އެކުލަވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން