ޚަބަރު
ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން ޒަމާނީ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރަނީ

ޒަމާނީ ކޯލްޑް ސްޓޯރޭޖެއް ފޮޓޯ: އިންޓަނެޓް
ރާއްޖޭގެ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން އިންޑަސްޓްރިއަލް ވިލެޖްގައި އެންމެ ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރަމުންދާކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
"ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައި ކަމަށާއި، މިއީ ސަރުކާރުގެ އެންމެ ބޮޑެތި 5 ކުންފުނީގެ ޝެއަރ އޮންނަ އެއް ކުންފުނި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އެސްޓީއޯއިން އިންޑަސްޓްރިއަލް ވިލެޖްގައި 2000 އަކަފޫޓުގެ ބިމެއްގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ތަރައްޤީކުރަމުންދާ މި މަސައްކަތަކީ، މިކަމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމެކެވެ.
އެސްޓީއޯއިން މިހާރުވެސް އިންޑަސްޓްރިއަލް ވިލެޖްގައި ކޯލްޑް ސްޓޯރޭޖް ގާތްގަނޑަކަށް 2000 އަކަފޫޓުގެ ބިމެއްގައި އެންމެ ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖެއް އެދަނީ ޤާއިމްކުރަމުން އިނގޭތޯ. ޖުމްލަގޮތެއްގައި މުޅި މަންޒަރަށް އެއްޗެއް ދަންނަވާކަމަށްވަންޏާ ވަށާޖެހޭ ހައްލެއް ރައީސް ޑރ. މުއިއްޒު މިކަމަށް އެބަ ހޯއްދަވާ
ވަޒީރު
މީގެއިތުރުން، ރާއްޖެއަށް ގެންނަ މުދަލުގެ އަގު ހެޔޮކުރުމުގެ ގޮތުން ސަރުކާރުން ދަނީ އެކި ޤައުމުތަކާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް (ފްރީ ޓްރޭޑް އެގްރީމަންޓްސް) ވެސް ޤާއިމްކުރަމުންނެވެ. އެގޮތުން، ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖަނަވަރީ 2025 އިން ފެށިގެން އަމަލުކުރަން ފަށާފައިވާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން އަސާސީ ކާބޯތަކެތީގެ ވަރަށް ގިނަ ބާވަތްތައް މިހާރު ޗައިނާއިން ރާއްޖެއަށް ގެންނަމުންދާއިރު، ކުރިން ޑިއުޓީ ނަގަމުންދިޔަ ގިނަ ބާވަތްތަކެއް މިހާރު ޑިއުޓީ މައާފްވެފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.
އަދި، އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ 162 ބާވަތުގެ އަގުތައް ދެނެގަތުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" އެއް ތައާރަފްކުރަންވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ހުރިހާ މަސައްކަތްތަކަކީ ވެސް ރާއްޖޭގެ ކާބޯތަކެތީގެ ޔަޤީންކަން އިތުރުކޮށް، އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތުގެ ބައެކެވެ.