ޚަބަރު
އެޗްޑީއެފްސީން ގެދޮރުވެރިކަމަށް އާ ފައިނޭންސިން ސްކީމްތަކެއް ތައާރަފުކޮށްފި: 'ހޮލިޑޭ ހޯމް' އާއި 'ލައިޓް ފައިނޭންސް'

އެޗްޑީއެފްސީން ގެދޮރުވެރިކަމަށް އާ ފައިނޭންސިން ސްކީމްތަކެއް ތައާރަފުކޮށްފި
ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން، ރާއްޖޭގެ ރައްޔިތުންނަށް ގެދޮރުވެރިކަމާ ގުޅޭ ދެ އައު ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ. މި ސްކީމްތަކަކީ ޗުއްޓީ ހޭދަ ކުރުމަށް ޚާއްސަ ގޭގެދޮރު ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށާއި، އަދި ގެދޮރު މަރާމާތުކޮށް، ފަރުނީޗަރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ "ހޮލިޑޭ ހޯމް ފައިނޭންސިން" އާއި "ލައިޓް ފައިނޭންސް" އެވެ.
ހޮލިޑޭ ހޯމް ފައިނޭންސިން
އަމިއްލަ ގެދޮރު ބިނާކުރުމަށް ލޯނު ފޯރުކޮށްދޭ އެޗްޑީއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 'ހޮލިޑޭ ހޯމް ފައިނޭންސިން'ގެ ދަށުން އެ މީހަކު ދިރިއުޅޭ ގޭގެ އިތުރަށް ޗުއްޓީ ހޭދަކުރަން ޚާއްސަ ގެއެއް ބިނާކުރެވޭނެއެވެ. އަދި މިފަދަ ގެތައް ބިނާކުރުމަށްފަހު ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އެޗްޑީއެފްސީން ހޮލިޑޭ ހޯމްގެ ގޮތުގައި ކަނޑައަޅަނީ ބެޑްރޫމް އަދި އެޓޭޗްޑް ލިވިން އަދި ކިޗަން ހުންނަ ގޮތަށް ޑިޒައިންކޮށްފައި ހުންނަ ތަންތަނެވެ.
މި ފައިނޭންސްއަށް އަމިއްލަ ގޮތުން ނުވަތަ އިތުރު ބަޔަކާ ގުޅިގެން 'ޖޮއިންޓް އެޕްލިކޭޝަން' ވެސް ހުށަހެޅޭނެއެވެ. މި ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ 12.25 ޕަސެންޓް ކަމަށްވާއިރު، ފައިސާ އަނބުރާ ދައްކަން 20 އަހަރުގެ ދިގު މުއްދަތެއް ލިބޭނެއެވެ. ރަހުނުގެ ގޮތުގައި، ކުއްޔަށް ނަގައިފައިވާ ބިން ނުވަތަ އެހެން ބިމެއް ވެސް ރަހުނު ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ލޯނު ލިބުމުގެ ޝަރުތުތަކުގެ ތެރެއިން އެ މީހަކަށް ލިބޭ އާމްދަނީގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކަކީ މުސާރައާއި ކުލިން ލިބޭ އާމްދަނީއާއި ވިޔަފާރިން ލިބޭ އާމްދަނީއެވެ.
ލައިޓް ފައިނޭންސިން
އެޗްޑީއެފްސީން ތައާރަފުކުރި އަނެއް ސްކީމަކީ ގެދޮރު މަރާމާތު ކުރުމަށާއި ގެއަށް ފަރުނީޗަރު ގަންނަން ދޭ ލޯނެއްގެ ގޮތުގައިވާ 'ލައިޓް ފައިނޭންސް' ސްކީމެވެ. މިއީ އެ ކޯޕަރޭޝަނުން ރަހުނަކާ ނުލައި ދިނުމަށް ތައާރަފުކުރި ފުރަތަމަ ޕްރޮޑަކްޓުކަން އެޗްޑީއެފްސީން ފާހަގަކުރިއެވެ. މި ސްކީމްގެ ދަށުން 50،000 އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ ލޯނެއް ލިބޭނެއެވެ.
"ލައިޓް ފައިނޭންސިން މިއީ އަޅުގަނޑުމެންގެ ހޯމް އިމްޕްރޫވްމެންޓް ފައިނޭންސިންގެ ސަބް ޕްރޮޑަކްޓެއް. ތަފާތަކީ ރަހުނަކާ ނުލައި ފަސޭހައިން ލިބޭކަން. މިސާލަކަށް ބޭނުންވަނީ ބަދިގެ ކަބަޑުސެޓު ބަދަލުކޮށްލަން ނޫނީ އާ ސޯފާއެއް ގަނެލަން، ލައިޓް ފައިނޭންސިންއިން މިކަންކަމަށް ބޭނުންވާ ފައިނޭންސިން ނެގިދާނެ،" އެ ކޯޕަރޭޝަނުގެ ބަޔާނުގައިވެއެވެ.
ލައިޓް ފައިނޭންސިންގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސެންޓް ކަމަށްވާއިރު މި ލޯނު އަނބުރާ ދައްކަން އެންމެ ގިނަވެގެން ފަސް އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ފެސިލިޓީ ދިނުމަށް ބަލާ ޝަރުތަކީ، ވިދިވިދިގެން 12 މަސް ދުވަހުގެ މުސާރަ ޖަމާވެފައިވުމެވެ.
އިސްލާމީ ޝަރީއާގެ ތެރެއިން ދޭ ފައިނޭންސިން ފެސިލިޓީތައް ވެސް ތައާރަފުކޮށްފައިވާ އެޗްޑީއެފްސީން ބުނީ 'ލައިޓް ފައިނޭންސިން'ގެ އިސްލާމިކް ފެސިލިޓީއެއް ވެސް ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށެވެ.
އެޗްޑީއެފްސީން އަބަދުވެސް މަސައްކަތް ކުރަނީ ގެދޮރުވެރިކަމާ ގުޅުންހުރި ހައްލުތައް، އެއިރަކު މީހުން ބޭނުންވާ ގޮތަށް ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީއެފްސީން ލިބިދޭ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެބްސައިޓު މެދުވެރިކޮށާއި 3334666އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.