ޚަބަރު
ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

މަޖިލިސް އިދާރާ

ފަރުދުން
06 އޯގަސްޓު 2025، 02:41
06 އޯގަސްޓު 2025، 02:41
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގައިވާގޮތުން ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރެއެވެ. ހަމައެހެންމެ އެ މުއްދަތުގައި ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށާއި ކުރިން ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައްވެސް އެ މުއްދަތުގައި ނުފެށޭގޮތަށް އިސްލާޙުގައި ވެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅުމުން، ބިލު ފާސްކޮށްފައި ވަނީ 51 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑިޕީގެ 8 މެންބަރުންނެވެ.
ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމާއި މާލީގޮތުން ޒިންމާދާރުކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ފާހަގަވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުމުގައި ޢަމަލުކުރަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިންނެވެ. މިއާއެކު ސިޔާސީ މަންފާއަށް ވަޒީފާތަކަށް މީހުން ނެގުމާއި ބިމާފަޅުން ހޯދާ ނާޖާއިޒްފައިދާ ހުއްޓުމަކަށް އަންނާނެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލައް ބަހުސް ކުރުން އިޔެ ވަނީ މަޖިލީހުގެ ތަޅުމުގައި ކުރިއަށްގެންގޮސްފައެވެ. ބިލާ ގުޅޭގޮތުން މެމްބަރުން ބަހުސް ކުރައްވަމުން ގިނަ މެމްބަރުން އިއްތިފާޤުވެވަޑައިގަތީ މިއީ މުހިންމު ބިލެއްގެ ގޮތުގައެވެ. އެގޮތުން މިއީ ކައުންސިލް ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށާއި މި އިސްލާހުގެ ސަބަބުން އެއްވެސް ޙައްގެއް ކައުންސިލަކުން ނިގުޅައިގަނެވިގެން ނުދާނެކަަމަށް މެމްބަރުން ފާހަގަ ކޮށްފައިވެއެވެ.