ޚަބަރު
ކ. ހުރާގައި ހުރި މޮނިއުމެންޓަށް ގެއްލުން ދިން މައްސަލަ ފުލުހުން ތަހުޤީގުކުރަނީ

ހުރާގައި ހުރި މޮނިއުމެންޓަށް ގެއްލުން ދިނުން/ފޮޓޯ: އެޑިޝަން އެމްވީ
ކ. ހުރާގައި ހުރި މޮނިއުމެންޓަށް ގެއްލުން ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިިދާޅުވީ، ކ. ހުރާ ބަނދަރުގައި އެ ރަށު ކައުންސިލުން ބަހައްޓާފައި ހުރި މޮނިއުމެންޓަށް ގެއްލުން ދީފައިވާ މައްސަލައެއް މިހިނގާ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާއި ގުޅިގެން ހުރާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިފަދަ ޢަމަލުތަކަކީ ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އެޅޭނެ ހުރަހަކަށް ވާހިނދު، މިފަދަ ނާތަހުޒީބީ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި ޙައްޤު އަދަބު ނުދެވޭނަމަ އެފަދަ ޢަމަލުތައް މުޖްތަމަޢުގައި ތަކުރާރުވެ، ރައްޔިތުންގެ އަމަންއަމާން ކަމަށް އަސަރުކޮށް ރަށުގައި ފިތުނުފަސާދަ އިތުރުވެގެން ހިގައިދާނެކަމަށެވެ.
ހަމަ އެހެންމެ، މިފަދަ ނާތަހުޒީބު ޢަމަލުތަށް ނުހިންގުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހުރާ ކައުންސިލުން ވަނީ މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ޢަމަލު ހިންގި ފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށާއި، އެ ފަރާތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީގު ކުރަމުންނެވެ.