ޚަބަރު
ވަޒީފާގެ މާޙައުލުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް

ފަރުދުން
06 އޯގަސްޓު 2025، 11:45
06 އޯގަސްޓު 2025، 11:45
ވަޒީފާގެ މާޙައުލުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިހެން ވިދާޅުވީ މޯލްޑީވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ "އެކްސް" ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ޝާހިދުގެ ޕޯސްޓަށް ރައްދު ދެއްވަމުން ނައިބުރައީސް ވިދާޅުވީ، ޤައުމުގެ ތަރައްޤީއާ ކުރިއެރުމަށް މަސައްކަތްކުރާއިރު، ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ޙިއްޞާކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމުގައެވެ. އެއާއެކު، ބައެއް ފަރާތްތަކުން ފަތުރަމުންދާ އެއްވެސް އަސާސެއް ނުހުންނަ ވާހަކަތަކަށް ސަމާލުވުން މުހިންމު ކަމަށްވެސް ނައިބު ރައީސް ވިދާޅުވެފައި ވެއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ. ހަމައެއާއެކު މަސައްކަތްތެރިންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ވަޒީފާގެ މާޙައުލުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަން ފާހަގަ ކުރައްވާފައިވެއެވެ.
ޤައުމުގެ ތަރައްޤީއާ ކުރިއެރުމަށް މަސައްކަތްކުރާއިރު، ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ޙިއްޞާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. ބައެއް ފަރާތްތަކުން ފަތުރަމުންދާ އެއްވެސް އަސާސެއް ނުހުންނަ ވާހަކަތަކަށް ސަމާލުވުން މުހިންމު. ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ޒިންމާދާރުކަން…
— Hussain Mohamed Latheef (@HucenSembe) August 6, 2025
ޢަބްދުﷲ ޝާހިދު ހިއްސާ ކުރެއްވި ޕޯސްޓުގައި ވަނީ، ޕީއެންސީގެ ލިސްޓަކަށް އެޗްޑީސީގައި ވަޒީފާ އަދާކުރަމުން ދިޔަ 5 ދާއިމީ މުއައްޒަފަކު ސަސްޕެންޑް ކުރި ކުރުމުން ހާމަވަނީ ރައީސް މުއިއްޒުގެ އަނިޔާވެރިކަން ކަމަށް ވިދާޅުވެފައެވެ. އެއާއެކު ވަޒީފާގެ ބިރުވެރިކަން އުފައްދައި، އަނިޔާވެރިކަން ދައްކަވައިގެން ރައްޔިތުން ފަހަތަށް ޖައްސަވަން އުޅުއްވާކަމަށް ތުހުމަތުކޮށްފައިވެއެވެ.