Ads by Stelco

ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތައް ކޮމެޓީއިން ފާސްކޮށްފި

ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތައް ކޮމެޓީއިން ފާސްކޮށްފި

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން ލާމަރުކަޒީ ކޮމިޓީން ބައްދަލުވުމެއް ބާއްވަނީ، ފޮޓޯ: މަޖިލިސް

farudhun logo

ފަރުދުން

06 އޯގަސްޓު 2025، 08:51

06 އޯގަސްޓު 2025، 08:51

ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއިން ރޭ ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން ހުށަހެޅި މި ބަލަކީ، ކައުންސިލްތަކުން ޒިންމާދާރުކަމެއް ނެތި ކުރާ ބޭކާރު ޚަރަދުތަކާއި، ނާޖާއިޒް ގޮތުގައި ހޯދަން މަސައްކަތްކުރާ ފައިދާތައް ހުއްޓުވުމަށް ބާރުއެޅުންކަމަށް ފާހަގަކޮށްފައި ވެއެވެ.

އެ ބިލުގައި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރުމަށް ލާޒިމް ކުރެއެވެ. ހަމައެހެންމެ، އެ މުއްދަތުގައި ކައުންސިލުގެ އިޙުތިޞާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށާއި، ކުރިން ޕްލޭން ނުކުރާ ތަރައްޤީގެ މަޝްރޫއުތައް ވެސް އެ މުއްދަތުގައި ނުފެށޭގޮތަށް އިސްލާޙު ކުރުމަށް ހުށަހަޅާފައި ވެއެވެ. 

މީގެ އިތުރުން މި ބިލު ބާރު އަޅަނީ ދައުރު ހަމަވާން ކައިރިވާއިރު ސިޔާސީ މަންފާއަށް ވަޒީފާތަކަށް މީހުން ނެގުމާއި ބިމާއި ފަޅުން ހޯދާ ނާޖާއިޒް ފައިދާތައް ހުއްޓުމަކަށް ގެނައުމަށްކަމަށް ސަރުކާރުގެ ފަރާތުން ހާމަކުރެއެވެ.

ހަމައެއާއެކު، މި އިސްލާޙާ ގުޅިގެން  ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދާފައިވާ ރަށްރަށުގައި، އަމިއްލަ ފަރާތަކުން ކުރަމުންދާ އިޤުތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް، އެ ކުންފުނި މެދުވެރިކޮށް އެ ރަށެގައި ނުހިންގޭނެއެވެ. އަދި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ރައްޔިތުންނަށް އަސާސީ ޚިދުމަތް ދިނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމަކުން ނުވަތަ އިމާރާތަކުން ވެސް ކުއްޔެއް ނުނެގޭނެއެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރަމުން މެމްބަރުން ވަނީ މި ބިލުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއީ ކައުންސިލް ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށާއި މި އިސްލާޙުގެ ސަބަބުން އެއްވެސް ޙައްޤެއް ކައުންސިލަކުން ނިގުޅައިގަނެވިގެން ނުދާނެކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު، ކައުންސިލްތަކުން ނަހަމަ ގޮތުގައި ޚަރަދުކުރާ ކަމަށާއި، އެކަންކަން ޒިންމާދާރު ގޮތެއްގައި ބެލެހެއްޓެންޖެހޭކަމަށް މެމްބަރުން ފާހަގަ ކޮށްފައިވެއެވެ. ކަން މިހެން އޮތުމާއެކު، މި ޤާނޫނަށް އިސްލާޙު ގެނައުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމުގައި މެމްބަރުން ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން