ޚަބަރު
ލ. މާވަށު މާރާމާރީގައި މަރުވި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީއަށް މާދަމާ ރާއްޖެއިން ބޭރަށް ފޮނުވަނީ

މޫސާ އިބްރާހީމް---
ލ. މާވަށު މާރާމާރީގައި މަރުވި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީއަށް މާދަމާ ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީގައި ނިޔާވި އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް މާދަމާގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޮޓޮޕްސީ ހަދަނީ އިންޑިއާއިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއީ މަރުގެ ހަޤީޤީ ސަބަބު ދެނެގަތުމަށްޓަކައި ކުރެވޭ ކަމެކެވެ.
މި މައްސަލައާ ގުޅިގެން، މޫސާ އިބްރާހީމް މަރާލިކަމަށް ތުހުމަތުކުރެވޭ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމް، ފުލުހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ވިދާޅުވެފައިވަނީ އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
މި މާރާމާރީ ހިންގުމަށް ބޭނުންކުރިކަމަށް ބެލެވޭ ވަޅި، ފުލުހުން ވަނީ މޫދަށް ފީނައިގެން ހޯދައިފައެވެ. މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.