Ads by Stelco

ޚަބަރު

ފަތުރުވެރިކަން އިސްތިހާރުކުރުމުގައި އޮޅުވައިލާނަމަ 1 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ

ފަތުރުވެރިކަން އިސްތިހާރުކުރުމުގައި އޮޅުވައިލާނަމަ 1 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ

ފަތުރުވެރިއަކު ރާއްޖޭގެ ރަށެއްގައި، ފޮޓޯ: ޕަޑި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 އޯގަސްޓު 2025، 10:48

05 އޯގަސްޓު 2025، 10:48

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި ސައްޙަ ނޫން މަޢުލޫމާތާއި އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭގޮތަށް ތައްޔާރުކުރާ ކޮންޓެންޓުތައް ބޭނުންކުރާނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމަށް ނިންމައި،  ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަން އިސްތިހާރު ކުރުމާއި ބެހޭ ޤަވާއިދު އެކުލަވައިލާ އާންމުކޮށްފިއެވެ.

މި ޤަވާއިދު އެކުލަވާލާފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި ބައެއް ފަހަރު ތަންތަނުގެ އަސްލު ގެއްލޭގޮތަށް ނުވަތަ ހަޤީޤަތް އޮޅޭގޮތަށް އިސްތިހާރުކުރަމުން ދާތީއެވެ. މިގޮތަށް ސައްޙަ ނޫން މަޢުލޫމާތާއި ފޮޓޯފަދަ ތަކެތި ބޭނުންކޮށްގެން އިޝްތިހާރުކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުން، ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ތަންތަނާއި ކަންކަމަށް އޮންނަ އިތުބާރަށް ނުރަނގަޅު އަސަރު، މަދުން ނަމަވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން އާ ޤަވާއިދު ބުނާގޮތުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ކުއްޔަށް ދޫކޮށް ތަރައްޤީކުރަމުން އަންނަ ތަންތަނާއި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ އަމިއްލަ ބިންތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރަމުން އަންނަ ތަންތަނުން މި ޤަވާއިދާ ޚިލާފުވެއްޖެނަމަ، ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް އެ ޤަވާއިދުގައި ވެއެވެ.

ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އެޅުމަށް ނިންމާފައިވާ ބައެއް އިދާރީ ފިޔަވަޅުތައް:

  • ޤަވާއިދާ ޚިލާފުވާ ފުރަތަމަ ފަހަރު 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
  • ޤަވާއިދާ ޚިލާފުވަނީ ދެވަނަ ފަހަރުނަމަ 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
  • ޤަވާއިދާ ޚިލާފުވަނީ ތިންވަނަ ފަހަރަށްނަމަ 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ ބޭރު ދުނިޔޭގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޝައުގުވެރިކަން އުފެއްދުމަށް ކުރާ އެކިއެކި އިޝްތިހާރު ނުވަތަ ދެވޭ މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތު ކަމަށް ކަށަވަރުކުރުން ކަމަށެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަނާއި ގުޅޭގޮތުން އަދި އެ ތަންތަނުގެ ވަށައިގެންވާ މާޙައުލާއި އަދި ލިބެން ހުންނާނޭ އެހެނިހެން ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޢާއްމުކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންނުވާނެ ގޮތަކަށް ކަންކަން ބައްޓަންކުރުން ކަމަށެވެ.

މި ޤަވާއިދުގެ ދަށުން އިޝްތިހާރު ކަމަށް ބުނެފައި ވަނީ ޕްރިންޓް، ޑިޖިޓަލް، އޮންލައިން، ވީޑިއޯ އަދި ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި ކުރާ ޕޯސްޓުތަކަށެވެ. 

އަދި މި ޤަވާއިދު ހިނގާނެ ދާއިރާތައް ވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. އެއީ: 

  • ޓޫރިސްޓް ރިސޯޓު
  • އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު
  • ޕްރައިވެޓް އައިލެންޑް
  • ޓޫރިސްޓް ހޮޓާ
  • ޓޫރިސްޓް ގެސްޓް ހައުސް
  • ޓޫރިސްޓް އުޅަނދު
  • ޔޮޓު ބަނދަރު
  • ފީނުމުގެ ޚިދުމަތްދޭ ތަންތަން
  • މޫދު ކުޅިވަރު ޚިދުމަތްދޭ މަރުކަޒާއި ވޯޓަރ ރިލޭޓަޑް ސްޕޯރޓްސް އެންޑް އެކަސްކަރޝަން ސެންޓަރުތައް

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފަތުރުވެރިކަމާއި ގުޅުންހުރި އިޝްތިހާރު ކުރާއިރު އެ އިޝްތިހާރެއް ވާންވާނީ އަދި ދެވޭ މެސެޖް އޮންނަންވާނީ ރާއްޖޭގެ ޤާނުންތަކާއި ޤަވާއިދުތަކާއި ފުށުނާރާ ގޮތަށް އެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަނުގެ އިޝްތިހާރުތަކުގައި އިޖުތިމާޢީ މިންގަނޑުތަކާއި، ސަގާފީގޮތުން ނުވަތަ ދީނީގޮތުން ނޭދެވޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓު ހިމަނައިގެން ނުވާނެކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން