ޚަބަރު
ނުރައްކާތެރިކޮށް ދުއްވުން ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ފުޅާ ތާއީދެއް

ނުރައްކާތެރިކޮށް ދުއްވުން ކުށަކަށް ހެދުން
އެއްގަމުގައި އުޅަނދުފަހަރު ނުރައްކާތެރިކޮށް ދުއްވުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލް ޢުޤޫބާތަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު ލިބިއްޖެއެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، ނުރައްކާތެރި ދުއްވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުން ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބިލު މަޖިލީހަށް ހުށައަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު މުޙައްމަދު ނަސީމެވެ. ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ، މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަށް، މަގުމަތީގެ ގަވާއިދުތަކާ ޚިލާފަށް އިންޖީނުލީ އުޅަނދުފަހަރު ދުއްވުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ މި ބިލުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށެވެ. އަދި މަގުމަތީގެ ގަވާއިދުތަކާ ޚިލާފަށް އަދި ފަރުވާލެއް ނެތް ގޮތަށް އުޅަނދުތައް ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓްތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަކީވެސް ބިލުގެ މަޤުޞަދެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މީހަކަށް އަނިޔާއެއް ލިބުނަސް ނުލިބުނަސް ފުރާނައަށް ނުރައްކާވާފަދަ ގޮތަށް އޮވަރޓޭކްކުރުމާއި ބާރު ސްޕީޑުގައި ނުބައި މަގުމަގުން ދުއްވުން ވަކި އަދަބެއްގެ ގޮތުގައި ކަނޑައެޅިގެން އެބަދޭ. އުންސިލްތަކުގެ ބަޖެޓުންވެސް ވަކި ޕަސެންޓޭޖެއް ޓްރެފިކް ހޭލުންތެރިކަމަށް ހޭދަކުރަންޖެހޭ. ތަންފީޒީ މަރުހަލާގައި މިކަން ހުއްޓުވަން ފުލުހުންގެ ދައުރު ބޮޑު" މެންބަރު މީކާއީލް ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވީ މިފަހަކަށް އައިސް، މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައިވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ، ކަންބޮޑުވާންޖެހޭ މިންވަރަކަށް މީހުން ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އަދި އެތައް ބަޔަކު ޒަޚަމުވެ، ނުކުޅެދޭ ހާލަތަށް ގޮސްފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ. މެންބަރު ރިފާޢު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ނުރައްކާތެރިކޮށް ދުއްވުމާއި ގަވާއިދާ ޚިލާފަށް އުޅަނދުފަހަރު ދުއްވުމުން ދުރުވުމަށް ބާރުއެޅިގެންދާނެ ކަމަށެވެ.
"ޤާޟީންނަށްވެސް އުނދަގޫތައް އެބަހުރި ނުރައްކާތެރިކޮށް ދުއްވުމުން ޙުކުމް ތަންފީޒްކުރުމުގައި ކުށެއް ގޮތުގައި ބަޔާންކޮށްފައި ނޯންނާތީ. މިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ މި އިސްލާހާއެކީ. އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބުމަށްވެސް ފަސޭހަވެގެންދާނެ." މެންބަރު ރިފާޢު ވިދާޅުވިއެވެ.
ބިލަށް ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ހުށައަޅާފައިވާ އިސްލާހުގެ އެންމެ ބޮޑު ބޭނުމެއްކަމަށް ފާހަގަވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވުމުގެ ކުރިން އެކަމުން މުޖުތަމަޢު ސަލާމަތްކުރުން ކަމަށެވެ. ނާޒިލްގެ ވާހަކައިގައި މި އިސްލާހުގައި ޓްރެފިކް ގަވާއިދުތަކަށް މީހުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުމަށް މާއްދާތަކެއް ހިމެނުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
"ކޮމިޓީ މަރުޙަލާގައި ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭނެ ކަންކަން ބިލުގައި ހިމަނަންޖެހޭ. ބިދޭސީން ލައިސަންސް ނަގާއިރު، ދިވެހި ލައިސަންސަށް ބަދަލުކުރާ މިންގަނޑުވެސް ތަންކޮޅެއް ހަރުކަށި ކުރަންޖެހޭ." މެންބަރު ނާޒިލް ވިދާޅުވިއެވެ.
މަޖިލީހުގައި މި ބިލަށް ބަހުސްކުރެއްވި ހުރިހާ މެންބަރުންވެސް ބިލަށް ތާޢީދުކުރައްވާފައިވާއިރު، މިއީ މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ނުހަނު މުހިންމު ބިލެއްގެ ގޮތުގައި އެބޭފުޅުން ސިފަކުރެއްވިއެވެ.