ޚަބަރު
އުތުރުގައި ފެށުނު އައު މަޝްރޫއަކީ ރައީސްގެ "ވިޝަން 2040" ޙާޞިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ވަޒީރު ސަޢީދު
އުތުރުގައި ފެށުނު އައު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އިގްތިސާދާއި ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ އުތުރުގެ އިޤުތިޞާދަށް އިންޤިލާބީ ބޮޑު ބަދަލެއް ގެންނާނެ ބިޔަ މަޝްރޫޢު ކަމަށްވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ވިޝަން 2040" އާއި، އެމަނިކުފާނުގެ ތަރައްޤީގެ އެޖެންޑާ ޙާޞިލުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވަނީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާ މެދުކެނޑުމެއްނެތި ދެއްވަމުން ގެންދެވި އިރުޝާދާއި އެއްބާރުލެއްވުން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހއ. އަތޮޅުގެ ފަސް ދާއިރާއެއްގެ މަޖިލިސް މެންބަރުން މި މަސައްކަތް ވަރަށް ކައިރިން ބައްލަވަމުން ގެންދެވިކަމާއި، އެބޭފުޅުން މެދުކެނޑުމެއްނެތި ދެއްވި އެއްބާރުލުން ވެސް ވަޒީރު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ މަންޒަރަށް މިފަދަ ބަދަލެއް އަންނާތީ ހއ. އަތޮޅުގެ ރައްޔިތުންނާއި މުޅި ޤައުމުގެ އެންމެހައި ރައްޔިތުން ވެސް ނުހަނު އުފާކުރާނެ ކަމަށެވެ.
"މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'ވިޝަން 2040' އާއި އެމަނިކުފާނުގެ ތަރައްޤީގެ އެޖެންޑާ ޙާޞިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އަދި ކުރިއަށް އެޅޭ ހެޔޮ ފާލަކަށް ވެގެންދާނެ،"
ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އަދި އުންމީދަކީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެންދިއުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދު މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ކޮންޓްރެކްޓަރުންނަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ އަރުވާފައެވެ.
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާހް ގުރޫޕް) އާ ދެމެދުގައެވެ.
މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޓްރާންޝިޕްމެންޓް ޚިދުމަތް ހިމެނޭހެން ޕޯޓް ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިޤުތިޞާދީ މައި މަރުކަޒެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ފޮނި ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި އެޅުނު ތާރީޚީ މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އިހަވަންދިއްޕޮޅުގައި މިފަދަ ބިޔަ އިޤުތިޞާދީ މަޝްރޫއުތައް ހިންގުމަށް މީގެ ކުރީގެ އެކި ސަރުކާރުތަކުން ތަކުރާރުކޮށް ވަޢުދުވި ނަމަވެސް، މިއަދާ ހަމައަށްވެސް އެކަން އޮތީ ހާސިލުނުވެކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން އެ އުންމީދުތައް ޢަމަލީ ގޮތުން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަޝްރޫޢުތަކުގެ އިޤުތިޞާދީ މަންފާ ދިވެހިރާއްޖެއަށާއި ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.