ޚަބަރު
ލާމަރުކަޒީ ޤާނޫނުގެ އިސްލާޙުތައް: މާލީގޮތުން ޒިންމާދާރުކޮށް ހިންގުން ހަރުދަނާވެގެންދާނެ ފިޔަވަޅެއް

ރައްޔިތުން މަޖިލިސް އިދާރާ

ފަރުދުން
04 އޯގަސްޓު 2025، 04:21
04 އޯގަސްޓު 2025، 04:21
މާލީގޮތުން ޒިންމާދާރުކޮށް ހިންގުން ހަރުދަނާ ކުރުމަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިވަނީ މުހިއްމު ބިލެއް ހުށަހަޅާފައެވެ.
މި ބިލާމެދު ރަނގަޅަށް ވިސްނާލުމުން ދޭހަވަނީ ކައުންސިލްތަކުން ޒިންމާދާތުކަމެއް ނެތި ކުރާ ބޭކާރު ޚަރަދުތަކާއ، ނާޖާއިޒް ގޮތުގައި ހޯދަންއުޅޭ ފައިދާ ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ ބިލުގައިވާގޮތުން ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރެއެވެ. ހަމައެހެންމެ އެ މުއްދަތުގައި ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށާއި ކުރިން ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައްވެސް އެ މުއްދަތުގައި ނުފެށޭގޮތަށް އިސްލާޙުގައި ވެއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ގެއްލުން ނުވެ އަގުހުރި މުދަލާއި ބިންތައް ނާޖާއިޒް ގޮތުގައި ބޭނުން ކުރުން ހުއްޓުވުމެވެ.
ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމާއި މާލީގޮތުން ޒިންމާދާރުކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ފާހަގަވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުމުގައި ޢަމަލުކުރަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިންނެވެ. މިއާއެކު ސިޔާސީ މަންފާއަށް ވަޒީފާތަކަށް މީހުން ނެގުމާއި ބިމާފަޅުން ހޯދާ ނާޖާއިޒްފައިދާ ހުއްޓުމަކަށް އަންނާނެއެވެ.
މީގެ އިތުރުން މި އިސްލާހުގައި ފާހަގަވާ އަނެއް މުހިންމު ކަމަކީ، އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކައުންސިިލުން ކޮށްގެންނުވާނެއެވެ. ބިލްގައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލައް ބަހުސް ކުރަމުން މެމްބަރުން ވަނީ މި ބިލުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއީ ކައުންސިލް ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށާއި މިއިސްލާހުގެ ސަބަބުން އެއްވެސް ޙައްގެއް ކައުންސިލަކުން ނިގުޅައިގަނެވިގެން ނުދާނެކަަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ. ހަމަ އެއާއެކު ކައުންސިލްތަކުން ނަހަމަ ގޮތުގައި ޚަރަދުކުރާ ކަމަށާއި، އެކަންކަން ޒިންމާދާރު ގޮތެއްގައި ބެލެހެއްޓެންޖެހޭކަމަށް މެމްބަރުން ފާހަގަ ކޮށްފައިވެއެވެ. ކަން މިހެން އޮތުމާއެކު މި ޤާނޫނަށް އިސްލާހު ގެނައުމަކީ ކޮންމެ ހެންވެސް މުހިންމު ކަމެއް ކަމުގައި މެމްބަރުން ދެކެއެވެ.