ޚަބަރު
އިތުރު ޚިދުމަތްތަކާއެކު މި އަހަރު ނިމުމުގެ ކުރިން ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަނީ

ގަލޮޅު ސަހަރާ ފޮޓޯ: އެޑިޝަން
މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ ގަލޮޅު ސަހަރާގައި ހުރި މޯޗަރީ، ހުޅުމާލެއަށް ބަދަލުކޮށް، އެތަނުގެ ޚިދުމަތްތައް އިތުރުކޮށް ތަރައްޤީކުރުމަށެވެ. މި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.
ގަލޮޅު ސަހަރާގައި 1975 ވަނަ އަހަރު ހިންގަން ފެށި މި މޯޗަރީއަކީ މިހާރު 50 އަހަރަށް ވުރެ ދުވަސްވެފައިވާ ތަނެކެވެ. ފުރަތަމަ ހުޅުވިއިރު ދެ މީހުންގެ ހަށިގަނޑު ބޭއްވޭ ޖާގަ ހުރި މި މޯޗަރީގައި މިހާރު ހަ މީހުންގެ ހަށިގަނޑު ބޭއްވޭނެއެވެ.
ދުވަސްވީ މި އިމާރާތް އައު އިމާރާތެއްގެ ގޮތުގައި ހުޅުމާލެއަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ، ހުޅުމާލޭގައި މިހާރު ހިނަވާގެ ހުރި ސަރަޙައްދުގައި އަޅާ މި އައު އިމާރާތުގައި މިހާރު ބޭނުންކުރާ މޯޗަރީގައި ހުރި ސިސްޓަމްތަކުގެ އިތުރުން، އިތުރު ހަތަރު ސިސްޓަމް އިތުރުކޮށް، ކެޕޭސިޓީ ދިހައަކަށް އިތުރުކުރާނެކަމަށެވެ. މީގެ އިތުރުން، ދެ ސްޓާފުންނަށް ތިބެވޭގޮތަށް އެކޮމޮޑޭޝަންވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، މޯޗަރީ ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި، މި އަހަރު ނިމުމުގެ ކުރިން މުޅި ޚިދުމަތް ހުޅުމާލެއަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށެވެ.
މިހާރު ބޭނުންކުރާ ގަލޮޅު މޯޗަރީ އިމާރާތް ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. އެތަނުގައި ދުވަސްވީ ވަސީލަތްތައް ބޭނުންކުރަމުންދާއިރު، އެތަނުގެ ވަސީލަތްތައްވެސް މަރާމާތުކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ. ހުޅުމާލެއަށް މޯޗަރީ ބަދަލުކުރަން ނިންމާފައިވީނަމަވެސް، މިހާރުވެސް އެ އިމާރާތުގައި މަރާމާތުކޮށް ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރާނެކަމަށް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ.
ރާއްޖޭގެ ދެ ރަށަކާ އަދި ބައެއް ހޮސްޕިޓަލްތަކުގައި މޯޗަރީގެ ޚިދުމަތް ޤާއިމުކޮށްފަހުރިނަމަވެސް، ގަލޮޅު މޯޗަރީއަކީ ރާއްޖޭގައި އެންމެ ކެޕޭސިޓީ ބޮޑު މޯޗަރީއެވެ.