ޚަބަރު
ޒަޔަނިސްޓުން އަޤްސާ މިސްކިތަށް ވަދެގަތުން ވަޒީރު ޑރ. ޝަހީމް ކުށްވެރިކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒަޔަނިސްޓުން އަޤްސާ މިސްކިތަށް ވަދެގަތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ވަޒީރު މިކަން ކުށްވެރިކުރައްވާފައިވަނީ، އެމަނިކުފާނުގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަޒީރު ވިދާޅުވީ، މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
އިއްޔެގެ ވަޤުތެއްގައި އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި ޔަހޫދީން ވަނީ މަސްޖިދުލް އަޤްސާ އަށް ވަދެގަނެފައެވެ. ހަމަ އެހެންމެ، މިކަން ކޮށްފައިވަނީ އިޒްރޭލުގެ މިނިސްޓަރުންތަކެއް ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ ޒަޔަނިސްޓުންތަކެއްގެ ބައިވެރިވުމާއެކު އެވެ. މި މީހުން މަސްޖިދުލް އަގްސާ އަށް ވަނުމަށްފަހު އިސްލާމްދީނާއި ޚިލާފު އެތައް ކަމެއް ހިންގައި، ޔަހޫދީންގެ ދީނީ އަޅުކަން ވަނީ ކޮށްފައެވެ.
ބައިނަލްއަގުވާމީ ރިޒޮލިއުޝަންތަކާއި ކޮންވެންޝަންތަކާއި ހިލާފަށް ޒަޔަނިސްޓުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވައިލަން.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ފަލަސްޠީނުގެ މައްސަލައިގައި މުޅި ދިވެހިރާއްޖެއާއި މުސްލިމުން ޤަބޫލުކުރާގޮތް ދިވެހި ސަރުކާރުން އަންނަނީ ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުހަރުކޮށް އިއްވަމުންނެވެ. ހަމަ އެހެންމެ، އަދުގެ ސަރުކާރުން އަންނަނީ ފަލަސްޠީނުގެ ޙައްޤުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.