ޚަބަރު
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ޙާފިޡުންގެ ޢިނާޔަތް ބޮޑުކޮށް، ޖަމަޢަކުރަން ފަށައިފި

ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު. ފޮޓޯ: އިސްލާމީ ވުޒާރާ

ފަރުދުން
04 އޯގަސްޓު 2025، 12:04
04 އޯގަސްޓު 2025، 12:04
ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ޙާފިޡުންނަށް ސަރުކާރުން ދެއްވާ ޢިނާޔަތް 4،000 ރުފިޔާއަށް ބޮޑުކޮށް، ޖަމަޢަކުރަން ފަށައިފިއެވެ. އިހުގައި ޙާފިޡުންގެ ޢިނާޔަތުގެ ގޮތުގައި 2،000 ރުފިޔާ ދެމުން އައި ނަމަވެސް، މިޢަދަދު އިތުރުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ވަޒީރުންގެ މަޖިލިހުގައި މިކަން މަޝްވަރާ ކުރެވި އިޢުލާން ކުރެވުނީ، މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އެއަށްފަހު، މިނިންމުމަށް ޢަމަލީ ޞިފަ ގެނުވާ، ބޮޑުކުރި ޢިނާޔަތް ޙާފިޡުންނަށް މިހާރު ޙަވާލުކުރަން ފަށާފައިވާ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން އިއްޔެ ހާމަ ކުރިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވެރިކަމުގައި، ޙާފިޡުކަމުގެ ސަނަދު އެރުވޭ އުޞޫލަށް ވެސް ބަދަލު ގެނެވިފައި ވެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް، ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ހަމައެހެންމެ، ޙާފިޡުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ.) އިން ޤަބޫލުކުރާ މިންގަނޑަށް ފެއްތުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްގެ ގޮތުގައި ޙާފިޡުކަމުގެ ސަނަދު ބަލައިގަތުމަށް ވަނީ ކަނޑައެޅިފައެވެ.