ޚަބަރު
ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް މަޖިލީހުން ވީޑިއޯ ކްލިޕް މުބާރާތެއް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީސް ކުރާ ގެ ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން، 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން، "ޑިމޮކްރަސީގެ އަސާސްތައް ޕްރޮމޯޓްކުރުން - ރައްޔިތުންގެ މަޖިލީހުގެ ދައުރު" މިނަމުގައި ޚާއްސަ ވީޑިއޯ ކްލިޕް މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައި، މިހާރު ވަނީ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ މެދުގައި ޑިމޮކްރަސީގެ އަސާސްތަކާއި އޭގެ މުހިންމުކަން ހާމަކޮށް، ޑިމޮކްރަސީ ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފާހަގަކުރުން ކަމަށެވެ. މީގެ އިތުރުން، ޑިމޮކްރަސީގެ އަސާސްތައް ކުރިއެރުވުމަށާއި، ސިޔާސީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރުން ވެސް މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ކެޓަގަރީއަކުން ވަނީ ހުޅުވާލެވިފައެވެ. އެއީ އަމިއްލަ ގޮތުން ބައިވެރިވާ ކެޓަގަރީއާއި، ޖަމްޢިއްޔާތަކުގެ ކެޓަގަރީއެވެ. އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކުގެ ކެޓަގަރީގައި 15 ސެޕްޓެންބަރު 2025 ގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑުގެ ކޮޕީ ނުވަތަ ޖަމްޢިއްޔާގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީގެ އިތުރުން، މުބާރާތަށް ހުށަހަޅާ ވީޑިއޯ ކްލިޕްގެ ލިންކް ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. މުބާރާތުގެ އުސޫލާއި އިނާމުތަކާއި ގުޅޭ މަޢުލޫމާތު މުބާރާތުގެ ގައިޑްލައިންގައި ހިމަނާފައިވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޖިލީހުގެ އިދާރާގެ ޕާލިމަންޓަރީ އެޑިޔުކޭޝަން ސެކްޝަނާ ގުޅުމަށް މަޖިލީހުގެ އިދާރާއިން އެދިލައްވައެވެ.