ޚަބަރު
ތިމާވެށި ހިމާޔަތްކުރުމަށް ރޭންޖަރސް އިތުރުކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ފަށައިފި

ތިމާވެށި ހިމާޔަތްކުރުމަށް ރޭންޖަރސް އިތުރުކުރުން ފޮޓޯ:ވުޒާރާ
ދިވެހިރާއްޖޭގެ ރައްކާތެރިކޮށްފައިވާ ގުދުރަތީ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ރޭންޖަރސް އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 15އަށް ވުރެ ގިނަ ރޭންޖަރސް ތިމާވެށި ހިމާޔަތްކޮށް ބަލަހައްޓަމުންދާ ކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގައި 90އަށް ވުރެ ގިނަ ސަރަޙައްދު ހިމާޔަތްކޮށްފައިވާއިރު، އެތަންތަން ބެލެހެއްޓުމަށް މިހާރު ތިބި ރޭންޖަރސްގެ އަދަދު މަދުކަން ވުޒާރާއިން ފާހަގަކުރެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ވަނީ ޚާއްސަ "ބޭސިކް ރޭންޖަރސް " ކޯހެއް ތައްޔާރުކޮށް ކުރިއަށް ގެންގޮސްފައެވެ. މި ކޯހުގެ ފުރަތަމަ ބެޗްގައި 18 މީހުން ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވެއެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ 15އަށް ވުރެ ގިނަ ރޭންޖަރުން ހިމެނެނީ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް، އައްޑޫ އަތޮޅު ބަޔޮސްފިއަރ ރިޒާވް، ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވްގެ އިތުރުން ލ. ގާދޫ، ރ. ވަންދޫ، ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ އަދި ށ. ފަރުކޮޅު ފަދަ ސަރަޙައްދުތަކުގައެވެ.
ސަރުކާރުން ދަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އިތުރަށް ބަލަހައްޓައި، އެތަންތަނުން އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ނަފާ ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ފަތުރުވެރިންނަށް އެތަންތަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބެން ފެށުމުން، އެތަންތަނުން ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ. މިކަމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.