ޚަބަރު
ބްލެކްމެއިލް ކުރުމާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

ބްލެކްމެއިލް ކުރުމާއި މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރު ކުރި ދެމީހުން

ފަރުދުން
03 އޯގަސްޓު 2025، 01:49
03 އޯގަސްޓު 2025، 01:49
ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ލިލީގަސްދޮށުގެ، މުޙައްމަދު ފަވާޒު ލުޠުފީ (32އ) އާއި، މާލެ / މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) ކަމަށެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ.
މި ދެ މީހުންގެ ތެރެއިން، މުޙައްމަދު ފަވާޒު ލުޠުފީ ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށާއި، އާމިނަތު ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
އެގޮތުން، އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފަައިވާ މައްސަލަ 2024 ޑިސެމްބަރު 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް އެއްކޮށް ގިނަ ކަންކަން ބަލާފައިވެއެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ މުޙައްމަދު ފަވާޒް ލުޠުފީ ހުޅުމާލޭގައި ދިރިއުޅޭ ކަަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް، އާމިނަތު ފައިނާޒް ލައިގެންހުރި އަންނައުނު ތެރެއިން ފެނިފައިވެއެވެ. ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވެއެވެ.
ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާކަމަށް މަޢުލޫމާތު ދީފައިވެއެވެ.