Ads by Stelco

ޚަބަރު

ޖާގަ އިތުރުކޮށް، އޮޅުހިޔާއަށް އިތުރު ބުޅާތައް ގެންގޮސްފި

ޖާގަ އިތުރުކޮށް، އޮޅުހިޔާއަށް އިތުރު ބުޅާތައް ގެންގޮސްފި

އޮޅު ހިޔާއަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް ކުރަމުންދަނީ

farudhun logo

ފަރުދުން

03 އޯގަސްޓު 2025، 10:06

03 އޯގަސްޓު 2025، 10:06

އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް، ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. 

އެ ވުޒާރާއިން ވިދާޅުވީ، އޮޅުހިޔާ ފެސިލިޓީ ފަށައިގަނެވުނު އިރު، އެތަނުގައި ކަރަންޓީން ކުރެވޭނެ ވަސީލަތެއް ނެތްކަމަށެވެ. އެހެންކަމުން ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވައްދާފައިވާކަމަށާއި، އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބުޅާތައް ފެސިލިޓީއަށް ނަގާފައިވާކަމަށެވެ.

ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ ބުޅާތައް ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބައިތިއްބަން ޖެހޭކަމަށެވެ. އެހެންކަމުން މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ އިތުރުކޮށް، މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.  މޫސުމް ގޯސްވުމާއި އެކު، މަސައްކަތް މެދުކެނޑިފައި އޮތުންމަށްފަހު އެ މަސައްކަތް އަލުން ފެށިއިރު ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ، ކޮށިތަކަށް ބަދަލުކޮށްފައިވެއެވެ.

މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ހުޅުމާލޭގެ އެކި ސަރަހައްދުން ބުޅާތައް ފެސިލިޓީއަށް ގެންގޮސްފައިވެއެވެ. އެހެންކަމުން މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 ކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މިއަދުވެސް ކުރިޔަށް ގެންދިއުމަށް އެ ވުޒާރާއިން ވަނީ ރާވާފައެވެ.

އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާންޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން