ޚަބަރު
ލަންކާގައި އިންވެސްޓުކުރާ ދިވެހިންނަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޭން ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ލަންކާގެ ރައީސް ފޮޓޯ:ރައީސް އޮފީސް
ސްރީ ލަންކާގައި އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރަން އެ ޤައުމުގެ ސަރުކާރުން ބޭނުންވާކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން އިންޑިޔާއިންވެސް ރާއްޖެއަށް 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިނުމަށް ނިންމާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. މިހުރިހާ ކަމެއްވެސް ދިވެހިރާއްޖެއަށް ދެ ޤައުމުގެ ރައީސުން ކުރެއްވި ރަސްމީ ދަތުރުފުޅުތަކާ ގުޅިގެން ފަހިވެގެންދިޔަ އިޤުތިޞާދީ ފުރުޞަތުތަކެކެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު މިހެން ވިދާޅުވީ، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން 'ރާއްޖެ މިއަދު' ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ. ސަފީރު ވިދާޅުވީ، ލަންކާ ރައީސްގެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދިވެހިންނަށް ގިނަ ފުރުޞަތުތަކެއް ފަހިވެފައިވާ ކަމަށެވެ. ލަންކާއާއި ރާއްޖެއާ ދެމެދު 2 އެއްބަސްވުމެއްގައި ސޮއިކުރެވުނުއިރު، އިތުރު 27 ފަހުމުނާމާއެއް ދެ ޤައުމުގެ މެދުގައި ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ލަންކާ ރައީސްގެ ދަތުރުފުޅުގެ ތެރެއިން ލަންކާ-ރާއްޖެ ބިޒްނަސް ފޯރަމެއް ބާއްވައި، ދިވެހި ވިޔަފާރިވެރިންނަށް ލަންކާގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތަކެއްގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މަސްޢޫދު އިމާދު ވިދާޅުވީ، މިވަގުތު ލަންކާގައި ދިވެހިން އިންވެސްޓްކޮށްފައިވަނީ ވަރަށް މަދުން ކަމަށެވެ. ނަމަވެސް ލަންކާއިން ދިވެހި އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދޭން ބޭނުންވާކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން ލަންކާގެ ޤާނޫނީ އިމުގެ ތެރެއިން ދިގު މުއްދަތަކަށް ދިވެހި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ދޭން ލަންކާ ސަރުކާރުން ބޭނުންވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ލަންކާގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ދިވެހި އެމްބަސީން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ލަންކާގެ ބައެއް ބޭންކުތަކުން ލޯނު ދޭ ގޮތަށްވެސް ވާހަކަދައްކާފައި އެބައޮތް. ރަނގަޅު ފުރުޞަތުތަކެއް ހުޅުވިގެންދިޔަ ދަތުރުފުޅުގެ ސަބަބުން. ހޮސްޕިޓަލް އޮޕަރޭޓްކުރަން ބޭނުމިއްޔާ ދިވެހި ވިޔަފާރިވެރިން ހޮސްޕިޓަލް އޮޕަރޭޓްކުރެވޭނެ ގޮތެއް ހަމަޖައްސަންވެސް މަޝްވަރާކުރެވިފައިވޭ. ވަރަށް ޕޮޒިޓިވްކޮށް ލަންކާއިން ރާއްޖެއާ މެދު ދެކެނީ
މަސްޢޫދު އިމާދު
ލަންކާ ރައީސްގެ އިތުރުން، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅާ ގުޅޭގޮތުން 'ރާއްޖެ މިއަދު' ޕްރޮގުރާމުގައި ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކެޓްރީ ޑރ. އިބްރާހިމް ޒުހުރީ ވިދާޅުވީ، އިންޑިޔާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި މަޝްވަރާތައް ބޮޑަށް ބިނާކޮށްފައިވަނީ އިޤުތިޞާދީ ދާއިރާތަކަށް ކަމަށެވެ. އެގޮތުން ދެ ޤައުމުގެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށް ޒުހުރީ ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އިންޑިޔާ ސަރުކާރުން 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިނުމަށް ނިންމަވާފައިވާކަމަށްވެސް ޒުހުރީ ވިދާޅުވިއެވެ.
މި ލައިން އޮފް ކްރެޑިޓް، ސަރުކާރުން އެންމެ އިސްކަންދެއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ޞިއްޙީ، ތަޢުލީމީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބޭނުންކުރެވޭނެ. އިންޑިޔާއާއި ރާއްޖެއާ ދެމެދު މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކެއްވެސް ވަނީ އެކުލަވާލާފައި. އަދި އިންޑިޔާއިން ރާއްޖެއަށް ދޫކޮށްފައިވާ ދަރަންޏަށްވެސް ލުއި ގޮތްތަކެއް ވަނީ ލިބިފައި
ޒުހުރީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ، އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިޤުތިޞާދީ ގޮތުން ރާއްޖެއަށް ފައިދާތަކެއްކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ލަންކާގެ ރައީސްގެ ދަތުރުފުޅާއެކު ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާތަކެއްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.