ޚަބަރު
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރާއެކު ހައްޔަރުކުރި ލައްސާންއަށް ލުއި އަދަބެއް

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރާއެކު ހައްޔަރުކުރި މީހުން---

ފަރުދުން
01 އޯގަސްޓު 2025، 04:28
01 އޯގަސްޓު 2025، 04:28
މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ، މުޙައްމަދު ޝަމްޢާން ވަޙީދު ހިމެނޭ މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރަކާއެކު ދަޢުލަތުން އިޢުތިރާފްގެ އެއްބަސްވުމެއް ހަދައި، އޭނާއަށް ލުއި އަދަބެއްދީ ޙުކުމްކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޝަމްޢާންގެ އިތުރުން، އިމިގްރޭޝަންގެ ތިން އޮފިސަރަކާއި، އެތަނުން އެއް އޮފިސަރެއްގެ އާއިލާ މީހެކެވެ. މި މައްސަލާގައި ދެން ހައްޔަރުކުރީ ތ. ބުރުނީ، މޫނިމާގެ، މުޙައްމަދު އަލްސަން އިސްމާއިލް، 21އ.، ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37އ.، ގ. ހެޕީސައިޑު، އަޙުމަދު ސަހެޝަން، 47އ. އަދި މ. ހަޒާރީވިލާ، އަޙުުމަދު ލައްސާން، 40އ. އެވެ.
މި މީހުން ހައްޔަރުކުރީ، މިދިޔަ ރޯދަ މަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދިކަމަށް ފުލުހުން ތުހުމަތުކުރާ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލާގައި ލުއި އަދަބެއް ދިން ލައްސާންގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ފޭރުމުގެ ކުށުގެ ދަޢުވާއެވެ. ލައްސާން ވަނީ މި ދެ ދަޢުވާއަށް އިޢުތިރާފްވެ، ދަޢުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ.
ލައްސާންގެ މައްޗަށް އުފުލި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލާގައި އޭނާގެ މައްޗަށް އިއްވީ، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއެކު 14،400 ރުފިޔާގެ ޖޫރިމަނާއެކެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ޙުކުމުގައި ވެއެވެ.
ފޭރުމުގެ ދަޢުވާގައި އޭނާގެ މައްޗަށް އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާ އެކު 14،400 ރުފިޔާގެ ޖޫރިމަނާއެކެވެ.
އަދި މި މައްސަލައިގެ ހުކުމްކުރުމުގެ ކުރިން ލައްސާން ބަންދުކޮށްފައިވާތީ، ޖަލު ހުކުމުން އެ ދުވަސްތައް އުނިވާނެއެވެ.
މި މައްސަލާގައި ހައްޔަރުކުރި ކުރީގެ ކޮންޓްރޯލަރު ޝަމްޢާން ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.