Ads by Stelco

ޚަބަރު

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް މިއަދުން ފެށިގެން 1000 ޑޮލަރު ލިބޭނެ

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް މިއަދުން ފެށިގެން 1000 ޑޮލަރު ލިބޭނެ

ދިވެހިން އާންމުކޮށް ބޭސް ފަރުވާއަށްދާ އިންޑިއާ ކޮޗިންގެ އެއް ހޮސްޕިޓަލް ކަމުގައިވާ ރާޖަގިރި ހޮސްޕިޓަލް ފޮޓޯ:ރާޖަގިރި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2025، 02:47

01 އޯގަސްޓު 2025، 02:47

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ލުއިދިނުމުގެ ގޮތުން، މިއަދުން ފެށިގެން އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް 1000 ޑޮލަރު ލިބޭނެ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. މީގެ އިތުރުން، އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށްދާ ބަލިމީހުންނަށް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތްވެސް ވަނީ ހަމަޖައްސަވާފައެވެ.

މި ނިންމެވުން ނިންމަވާ އެކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ރައީސް މި ނިންމެވުން ނިންމެވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ކުރިމަތިވާ ގިނަ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށެވެ.

އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް މިހާރުވެސް ދަނީ ލިބެމުންނެވެ. އެހެންކަމުން، އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ ބަލިމީހުންނަށް ވެސް 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސެވުމަކީ، އެފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

މީގެ ކުރިން އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ބީއެމްއެލް މެދުވެރިކޮށް ލިބެނީ، ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ. އެހެންކަމުން، ފަރުވާއަށް ދާ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހި، ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ.

ސަރުކާރުން ގެންދަވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހެއްގެ މައްޗަށް 1200 ޑޮލަރު ލިބޭނެއެވެ. އަދި މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށްދިޔަ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓްވެސް ސަރުކާރުން ވަނީ ދީފައެވެ.



އެންސްޕާއިން ހިއްސާކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި މިދިޔަ ޖޫންމަހު 25.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 8.1 މިލިޔަން ރުފިޔާ އަދި ރާއްޖެއިން ފަރުވާކުރުމަށް 17.7 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން